ENGLISH

06 ޖުލައި 2025

Advertisement

ހުޅަނގު މޫސުމުގެ ވިއްސާރަ އާއި އުދައަރާތީ ސަމާލުވާން ޖެހޭ

29 ޖޫން 2025

|

ޝާމަ ޝުޢައިބު

މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މީހަކު ސައިކަލްގައި ދަނީ. --ފައިލް ފޮޓޯ: މިހާރު

މިހާރު މިއޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. ހުޅަނގު މޫސުން ރާއްޖެއަށް އާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެެ. ހުޅަނގު މޫސުމުގެ ވިއްސާރަ ބައެއް ފަހަރު ވަރަށް ގަދަވެ، ދިގުދެމިގެންދާ ފަހަރުވެސް އާދެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވުމާ އެކު މިހާރުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. 

ރާއްޖޭގެ ބައެއްރައްތަކަކީ އެ ރަށްތައް އުފެދިފައިވާގޮތުން ފަސޭހައިން ފެން ބޮޑުވާ ރަށްރަށެވެ. މި ރަށްތަކުގައި ފެންބޮޑުވާން މެދުވެރިވާ މައިގަނޑު ދެ ސަބަބެއް ވެއެވެ.

އެއީ ބޯކޮށް ވާރޭވެހިގެންނާއި އުދަ އެރުމުގެ ސަބަބުންނެވެ. ކުޑަވަގުތުކޮޅެއެްގައި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ދަނޑުބިންތަކާއި ގޭގައި ހިފާ ގެންގުޅޭ ސާމާނަށް އެކިވަރުގެ ގެއްލުން ލިބެއެވެ.

ރާއްޖެއަށް އުދައަރަން މެދުވެރިވަނީ މައިގަނޑު ގޮތެއްގައި ޓައިޑަލް ވޭވް، ސުވެލް ވޭވް އަދި ވިންޑް ވޭވްގެ ސަބަބުންނެވެ. ރާއްޖޭގެ ރަށްތައް ތިރިވެފައި، ހޭޅިފަށް ތުނިވެ، ގަސްތައް މަދުވުމާއި ގުޅިގެން އުދައިގެ ލޮނުގަނޑު ރަށުގެ މީހުން ދިރިއުޅޭ ހިސާބަށް ފަސޭހައިން ފެތުރިގެންދާ ހާލަތަށް އާދެއެވެ.

މިފަދަ ހާލަތްތަކުގައި އާންމު ދިރިއުޅުމަށާއި އެއްގަމު ދަތުރުފަތުރަށް ބުރޫ އަރައި ދަނޑުބިންތައް ހަލާކުވާން މެދުވެރި ވެއެވެ.

އެގޮތުން ކެފޭ ރެސްޓޯރެންޓުތަކަށް އުދައިގެ އަސަރުކޮށް، ގިނަ ގެއްލުންތަކެއް ލިބެމުންދެއެވެ. ބައެއް ފަހަރު އުދަ އެރުމުގެ ސަބަބުން މިފަދަ ތަންތަނުގެ ތެރެއަށް ރާޅުތައް ވަދެ، ތަކެއްޗަށް ގެއްލުންވެ، ވިޔަފާރި ހުއްޓާލަން ޖެހި، ބޮޑެތި ގެއްލުންތައް ލިބެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރުކުރުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

މިފަދަ ހާދިސާތައް ދާދިފަހުންވެސް ވަނީ ހިނގައިފައެވެ. އިއްޔެ ށ. ފުނަދުއަށް އުދަ އެރުމުގެ ސަބަބުން ރަށުގައި ހުންނަ ނަރުދަމާ އޮފީހަށް ވެސް ރާޅުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މިފަދަ ޙާދިސާތަކުން ދައްކުވައިދެނީ އުދައެރުމުގެ ނުރައްކާ ދިވެހިރާއްޖެއަށް މިހާރު ފޯރަމުންދާ މިންވަރެވެ.

މާލެއާއި ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ބުރިޖާއި ހައިވޭގައި ދަތުރުކުރާ މީހުންވެސް އުދައިގެ ނުރައްކަލަށް ސަމާލުވުން ވަރަށް މުހިންމެވެ. ކަނޑުގަދަ ދުވަސްތަކުގައި ބުރިޖާއި ހައިވޭ މައްޗަށް އުދަ އަރައި، ސައިކަލު ދުއްވާފައި ދާ މީހުންނަށް އަނިޔާވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިކަމަށްޓަކައި ފުލުހުން ވަނީ، މި ސަރަހައްދުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު ސައިކަލު ދުއްވާއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން މުހިންމެވެ.

މިފަދަ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ރައްޔިތުން ހޭލުންތެރިކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންޑީއެމްއޭގެ މުހިންމު އެއް މަސައްކަތެވެ. 

ދިރާސާތަކުން ދައްކާގޮތުން ކާރިސާއެއް އައުމުގެ ކުރިން އެފަދަ ކަމަކުން ލިބޭނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމުން، އެ ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރެވެއެވެ. އަދި ހަމައެހެންމެ މި މަސައްކަތް އެންމެ ރަނގަޅު ފެންވަރެއްގައި، ދެމެހެއްޓެނިވި ގޮތަކަށް ގެންދެވެނީ މިކަމުގައި މުޖުތަމަޢު އިސްދައުރެއް އަދާކުރުމުންކަމަށް ވެސް ދިރާސާތަކުންނާއި ތަޖުރިބާއިން ފެނިފައިވެއެވެ.

ފަރުދީ ފެންވަރުގައި ވެސް މޫސުމަށް ސަމާލުކަންދީ، އަމިއްލަ ރައްކާތެރިކަމަށް އެޅިދާނެ ގިނަ ފިޔަވަޅުތަކެއް ވެއެވެ. މޫސުމާބެހޭ އެންމެ ފަހުގެ ޚަބަރުތަކަށް ސަމާލުވެ، މީޓިއޮރޮލޮޖީ ސެންޓަރުން ދޫކުރާ އިންޒާރުތަކަށް ބޯލެނބުން މުހިންމެވެ.

ކާރިސާއަށް ތައްޔާރުވުމުގެ ގޮތުން ކާރިސާ ކިޓެއް ތައްޔާރުކޮށް، ގޭތެރޭގައި ތިބޭއިރު އުދަ އެރުމުގެ ނުރައްކާ ހީވާނަމަ ތިރި ހިސާބުތަކުން ސަލާމަތްވެވޭނެ ގޮތްތަކާއި، ކަރަންޓުގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ބުއްދިވެރިއެވެ. 

އެއްގަމު ދަތުރުކުރާއިރު ކޮންޓްރޯލް ކުރެވޭ ވަރަކަށް އުޅަނދު ދުއްވުމާއި ވިއްސާރައިގައި ދުއްވާއިރު ހެޑްލައިޓު ދިއްލުމާއި ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެކެވެ. އަދި ކަނޑު ދަތުރު ކުރާއިރު، އުޅަނދަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއި އުޅަނދުގައި ދަތުރުކުރާ އެންމެންވެސް ލައިފްޖެކެޓު އެޅުންފަދަ ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު