ENGLISH

02 ޖުލައި 2025

Advertisement

ބަދަލު ދިނުމުގެ ނަމުގައި ސޯލިޙް ސަރުކާރުން ހިންގި ބޮޑު ވައްކަން؛ ޔޫމެޓަށް އިތުރަށް 23.2 މިލިއަން ރުފިޔާ

29 ޖޫން 2025

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް ސޯލިހް އަދި ކުރީގެ ދެ ވަޒީރުން

ޅ.ކުރެންދޫ ބަނދަރުގެ ހެދުމަށް ފުރަތަމަ ހަވާލުކުރި ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލެއްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް އިތުރަށް ދީފައިވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހާމަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ އަމަލެއް ފަޅާ އަރައިފި އެވެ.

އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 23.2 މިލިއަން ރުފިޔާ އިތުރަށް ދީފައިވެ އެވެ. އެހެން ކަމުން އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އަންގާފަ އެވެ.

ކުރެންދޫ ބަނދަރު ހެދުމަށް ޔޫމެޓާ ހަވާލުުކުރި ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއް ނުވެ އެވެ. އެހެން ކަމުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ މާޗް މަހު އެއްބަސްވުން ބާތިލްކޮށްފަ އެވެ. އަދި އެ މަސައްކަތް ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެ ނިންމުމާއި ގުޅިގެން ޔޫމެޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށް ބުނެ އެ ކުންފުނިން ވަނީ ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެއީ 56.6 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ކޯޓުން ނިންމީ ޔޫމެޓުން އެދުނު ގޮތަށް ބަދަލު ނަގައިދޭށެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ހައިކޯޓަށް ގެންދިއުމުން ބަދަލު ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ދަށު ކޯޓްގެ ޙުކުމް ބާތިލުކުރި އެވެ. އެ ނިންމުން މަތީ ކޯޓް -- ސުޕްރީމް ކޯޓުން ވެސް ވަނީ ހަމަޖައްސާފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ ހައިކޯޓްގެ ޙުކުމް ރަނގަޅު ކަމަށާ ޔޫމެޓަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ޙުކުމް ކޮށްފަ އެވެ.

އެކަން އެގޮތަށް އޮއްވާ ކުރީގެ ރައީސް އިބްރާހިމްގެ ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި ހިންގި ޚިޔާނާތުގެ ތެރެއިން އެ ކުންފުންޏާއެކު ކޯޓުން ބޭރުން ވާހަކަ ދައްކާ ގޮތްތަކެއް ނިންމި އެވެ. އަދި ބަދަލު ދިނުމަށް އޭރުގެ ސަރުކާރުން އުފެއްދި ކޮމެޓީން ވަނީ 26 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފަ އެެވެ. އެއީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.

އަދި ސޯލިހްގެ ސަރުކާރު ނިމެން މަދު މަސްތަކަކަށް ވެފައި ވަނިކޮށް އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ކުންފުންޏަށް ވަނީ ފައިސާ ދޫކޮށްފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބަޔާންކޮށްފައި ވަނީ ކުރެންދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ ދުވަސްތަކަށް އެންމެ ގިނަވެގެން ވެސް ނަގައިދޭން ޖެހޭ ގެއްލުމުގެ ބަދަލަކީ 2،772،812 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ކަމުން ޔޫމެޓް ކުންފުންޏަށް އިތުރަށް ދިން 23.2 މިލިއަން ރުފިޔާ ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ އަންގާފަ އެެވެ.

އެމްޑީޕީގެ ސަރުކާރުގައި ވަނީ މި ނޫންވެސް އެތައް ކުންފުންޏަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ނިންމާފަ އެވެ. ބައެއް ކުންފުނިތަކަށް ވަނީ ބަދަލު ވެސް ދީފަ އެވެ.

ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ބަދަލު ދިނުމަށް އުފައްދާފައި އޮތް ކޮމެޓީ އުވާލެއްވި އެވެ. އަދި ބަދަލު ދިނުމަށް ނިންމާފައިވާ ނިންމުންތައް ހުއްޓުވި އެވެ.

ކިޔުންތެރިންގެ ހިޔާލު