ENGLISH
02 ޖުލައި 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
29 ޖޫން 2025
|
އޯކިޑް ބިލްޑިންގައި ހުންނަ އިމިގްރޭޝަނުގެ ގުދަނަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އޯކިޑް ބިލްޑިންގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އަދި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާ ޕާޓްސް އާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.