ENGLISH
02 ޖުލައި 2025
ގެދޮރުވެރިޔާ ފްލެޓުތައް ދޭނީ 25 އަހަރަށް، ކުލި ދެއްކުމުން މިލްކުވާ ގޮތަށް
28 ޖޫން 2025
|
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު - ފޮޓޯ: ރައީސް އޮފީސް
ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުން ހަދާނީ 25 އަހަރަށް ކަމަށާއި އެތަން މިލްކުކޮށްދެވޭނީ އެ މުއްދަތުގައި އެތަނަށް ދައްކަންޖެހޭ ކުލި ދައްކާ ޚަލާސްކުރުމުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް ވިދާޅުވީ 'ދިވެހިރާއްޖޭގެ އަޑު'ގެ ޕްރޮގްރާމަކަށް ވަޑައިގެން ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައިވާތީ އެކަމާ ގުޅުވައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، މިހާރު ގާނޫނުތަކާއި އުސޫލުތައް އޮތް ގޮތުން، އެ ފަދަ މަޝްރޫއުތަކުން ދޫކުރާ ފްލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ދަތިކަމެކެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 'ބޯހިޔާވަހިކަމުގެ' ބިލު ފާސްވުމާއެކު އެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ވަޒީރު ނިންމަވާފައިވާ ދެވަނަ ގޮތަކީ ފްލެޓު ދޫކުރާ އުސޫލަށް ބަދަލު ގެނައުމެވެެ. ވަޒީރު ވިދާޅުވި ގޮތުގައި ބޭންކިން ފައިނޭންސްގެ ތެރެއިން ފްލެޓުތައް މޯގޭޖްކުރެވޭ ގޮތް ހެދުމާއި، ވަކި މުއްދަތެއްގެ ތެރޭގައި ކުލި ދައްކާ ޚަލާސްކުރުމުން އެތަން މިލްކުވާ ގޮތް ހެދުމެވެ. 'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން ދޫކުރާ ފްލެޓުތައް އަންނަ މަހު ހަވާލުކުރުމަށް ތައްޔާރުވަމުންދާއިރު ވަޒީރުގެ ނިންމެވުމަކީ އެ ފްލެޓުތަކަށް 25 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކުލި ދައްކާ ޚަލާސްކުރުމުން އެތަން މިލްކުވާ ގޮތަށް ހެދުމެވެ.
"އެހެންވީމާ މިހާރު މިދޭ 4000 ފްލެޓު އަޅުގަޑުމެން އެގްރިމެންޓު ކުރާނީ މި ދެންނެވި ގޮތަށް 25 އަހަރުގެ މުއްދަތަށް އެ ކަނޑައެޅިފައި އޮތް ކުއްޔެއް ދެއްކީމަ ދެން އެފަރާތްތަކަށް އެތަން ރެޖިސްޓްރީކޮށްދޭ ގޮތަށް. އެހެންވީމާ ހަގީގަތުގައި ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމަ ސަރުކާރަށް އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ފަސޭހަވެގެން އެބަދޭ،" ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަލެއް ލިބޭ ކަމަށެވެ. އެގޮތުން، ދައުލަތަށް ލިބޭ އާމްދަނީ ލިބުމަށް ހުރަސް އެޅުމުގެ އިތުރުން، އިތުރު ހައުސިން މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކުން ފައިނޭންސް ހޯދުމަށް ނުވަތަ ލޯނު ހޯދުމަށް އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ ހައުސިން ޕްރޮޖެކްޓުތަކަށް ފައިނޭންސް މިކުރަނީ ފީޒިބަލް ކަމަކަށް ވާތީ ފީޒިބަލް ޕްރޮޖެކްޓަކަށްވާތީ ބެންކުތަކުން ފައިނޭންސްކުރަނީ. އެ ފައިނޭންސް ރިޓާން ކުރަން މި އިންނަނީ އެކްސްކްރޯ އެކައުންޓެއްގެ ތެރެއިން. ބޭންކުތަކަށް ވެސް ފެނޭ ކޮން ފައިސާއެއްތޯ ލިބެނީ. އެހެންވީމަ ހަގީގަތުގައި ކުލި ނުދެއްކީމަ މިވާގޮތަކީ ބޭންކުތަކަށް އެބަ އިނގޭ ކުލި ނުދައްކާކަން. އެހެންމަ ދައުލަތަށް އިތުރު ލޯނު ނަގަން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވޭ. " މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައިވާއިރު ހުޅުމާލޭގެ އެކި ހައުސިން މަޝްރޫއުތަކުން ދޫކޮށްފައިވާ ފްލެޓުތަކުން ކުއްޔަށް ލިބެންޖެހޭ 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވެ އެވެ. މިހާރު މަޖިލީހުގައި އޮތް ބިލުގެ ދަށުން ކުލި ނުދައްކާނަމަ އެތަންތަން ގާނޫނުގެ ތެރެއިން އަތުލެވޭނެއެވެ. އަދި އެތަންތަނުގައި ދިރިއުޅުމުގެ ބަދަލުގައި ކުއްޔަށް ދޫކޮށްފި ނަމަވެސް ގަވާއިދުގެ ތެރެއިން އެތަންތަން އަތުލުމުގެ ބާރު ލިބޭނެއެވެ.