ENGLISH

06 ޖުލައި 2025

Advertisement

ޕާޓީގެ ރައީސަށް ނިސްބަތްކުރީ "ކުޑަކުދިން"ގެ ގޮތުގައި، މިއަދު މަގާމު ވެސް އުވާލަނީ؟

29 ޖޫން 2025

|

ޝާމަ ޝުޢައިބު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: ދެން

ޑިމޮކްރަސީ ރާއްޖެ އަށް ތަޢާރަފްވި ފަހުން ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވަން ފެށިފަހުން ރާއްޖޭގެ ވެރިކަން އެންމެ ގިނަފަހަރުކޮށްފައިވާ ޕާޓީ އަދި މިހާރު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި ހިނގަމުންދާ އެތެރޭގެ ހަމަނުޖެހުންތައް މިހާރު ވަނީ އާދައިގެ ކަންކަމަކަށް ވެފައެވެ.

އެގޮތުން، ޕާޓީގެ ޗެއާޕާސަންގެ މަގާމާއި ޕާޓީގެ ރައީސްގެ މަގާމު އެއްކޮށްލުމަށް އެ ޕާޓީން ނިންމި ނިންމުމަކީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އިތުރަށް ބޮޑުކުރުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ޕާޓީގެ ރައީސްކަން ކުރެއްވި އަދި މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމަށް ހޮވުމާއެކު އޭރުވެސް ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރާ މީހުން ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ބާކީކޮށްލާފައި ހުންނަ ވާހަކަ ފެތުރުނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކި ކުރެވޭނެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތް ކަމަށާއި އެކަން ކުރަން އުޅޭ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ޕާޓީއަށް ނުރަނގަޅު އަސަރު ކުރާ ކަމެއް ކަމަށް ބުނި ފައްޔާޒު އިސްމާއިލްގެ އެކިއެކި ބަހުގެ ހަމަލާތައް ދިޔައީ ރައީސް ނަޝީދަށް ސީދާގޮތުންނާ ނުސީގޮތުން އަމާޒުވަމުންނެވެެ.

އެންމެ ފަހުން ބޮޑު އަރައިރުންގަނޑަކަށް ފަހު ރައީސް ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތެވެ. އެއާއެކު އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވެރިވީ ހުސްކަމެކެވެ. ދެން ފެނިގެންދިޔައީ އެމްޑީޕީގެ ރައީސް ކަމަށް ބޭފުޅަކު ހޮވުން ފަސްކުރެވިގެން ދިއަ މަންޒަރެވެ. އަދި ކަންކަން ނިންމުމުގައި ފައްޔާޒުގެ ބާރު ގަދަވެ، ކަން ނިންމާ މީހަކީ ފައްޔާޒަށް ވެގެންދިޔަ މަންޒަރެވެ. 

މިކަމުގެ އެންމެ ބޮޑު ހެއްކަކީ 23 ނޮވެމްބަރު 2024 އެމްޑީޕީގެ އިސްބޭފުޅުން މަސްމާރުކޭޓަށް ކުރެއްވި ޒިޔާރަތުގައި ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ބައިވެރިކޮށްފައިނުވާތީ ޕާޓީގެ ލީޑަރޝިޕްގައި ޕާޓީގެ ރައީސް ނުހިމެނެނީތޯ ޝާހިދު ސުވާލުކުރެއްވުމުން އޭނާ ދެއްވި ޖަވާބެވެ. ޝާހިދުއަށް ނިސްބަތްކޮށް "ކުޑަ ކުދިން މާގިނައީ" ކަމަށް ބުނެ ފައްޔާޒު ދެއްވި ޖަވާބުން ގިނަ ބައެއްގެ ފާޑުކިޔުން ފައްޔާޒަށް އަމާޒުވި ނަމަވެސް އޭނާގެ ބާރު އެ ޕާޓީގައި ދިޔައީ ގަދަވަމުންނެވެ. 

އެންމެ ފަހުން އެ ޕާޓީގެ ރައީސްގެ މަގާމު ވެސް ވުޖޫދުން ފޮހެލަން ފައްޔާޒު ނިންމަވައިފިއެވެ. ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަކީ އެކަމަށްޓަކައި ފައްޔާޒު އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިގޮތަށް މަގާމުތައް އެއްކޮށްލުމުން ޕާޓީގެ ބާރުތައް އެއް ފަރާތަކަށް ޖަމާވެ، އަނެއް ފަރާތް ބާކީވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ ފެކްޝަންތަކުގެ މެދުގައިވާ ދުރުކަން އިތުރަށް ބޮޑުވެ، ޕާޓީގެ އެއްބައިވަންތަކަން ކުޑަވާނެ ކަމަށް ބެލެވެއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެބަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ދެބޭފުޅުންގެ ސިޔާސީ ފިކުރުތަކާއި މަގުސަދުތަކުގެ ތަފާތުތައް މިހާރު ވަނީ ފާޅުކަން ބޮޑު ގޮތަކަށް ފެންނަން ފަށައިފައެވެ. ޕާޓީގެ މައި އެޖެންޑާގައި ކޮން ފިކުރެއް ކުރިއަށް ގެންދަންވީ ކަމާމެދު ދެބަސްވުންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަކީ މި ދެ މަގާމު އެއްކޮށްލުމުގެ ނިންމުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާނެ ކަމެކެވެ. މި ނިންމުމަކީ މި ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅެއްގެ ބާރު އިތުރުކޮށް، އަނެއް ބޭފުޅެއްގެ ބާރު ކުޑަކުރުމަށް ކުރެވުނު ކަމެއްގެ ގޮތުގައި ވެސް ބެލެވެއެވެ. ސުވާލަކީ ފައްޔާޒު އެއިން ބޭފުޅަކަށް ބާރެއް ދެއްވާނެތޯ އުފެދޭ ސުވާލެވެ. ނުވަތަ މަސައްކަތް ކުރާނީ ހުރިހާ ބާރެއް މުށުތެރެއަށް ލުމަށްތޯ އުފެދޭ ސުވާލެވެ.

މިކަންކަމާ ގުޅިގެން، ފައްޔާޒު ޕާޓީ ހަލާކުކުރި ކަމުގެ ތުހުމަތުތައް ވެސް ވަނީ އާންމުވެފައެވެ. އޭނާގެ ބަސްތަކާއި އަމަލުތަކުގެ އެއްގޮތްނުވުމާއި، ޕާޓީގެ އެތެރޭގެ ކޯޅުންތައް ހައްލުކުރުމަށް ފުރިހަމައަށް މަސައްކަތް ނުކުރެއްވުމުގެ ސަބަބުން، ޕާޓީގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ގިނަ މެންބަރުން ދެކެއެވެ. ޕާޓީގެ އެތެރޭގައި އޮންނަ ސިޔާސީ ޚިޔާލު ތަފާތުވުންތައް ހައްލުކޮށް، އެންމެން އެއްބައިވަންތަ ކުރުމުގެ ބަދަލުގައި، އޭނާގެ ނިންމުންތަކުގެ ސަބަބުން ކޯޅުންތައް އިތުރަށް ގަދަވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ ފައްޔާޒަށް ފާޑުކިޔައިފައެވެ.

ކުރުގޮތަކަށް ދަންނަވާނަމަ، އެމްޑީޕީން ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަށް ނިންމި ނިންމުމަކީ ޕާޓީގެ އެތެރޭގައި ކުރިން ވެސް އޮތް ހަމަނުޖެހުންތައް އިތުރަށް ބޮޑުކުރާނެ ކަމެކެވެ. ފައްޔާޒުގެ ދެފުށް ދެގޮތް ސިޔާސަތުތަކާއި، ޕާޓީގެ އެތެރޭގެ ކޯޅުންތަކާއި، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި އޮތް ފިކުރުގެ ތަފާތުތަކުގެ ސަބަބުން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ގަދަފަދަކަން ވަނީ ކުޑަވެފައެވެ. މިކަންކަމުގެ ސަބަބުން ޕާޓީގެ މުސްތަގުބަލަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ބޮޑެވެ. 

ކިޔުންތެރިންގެ ހިޔާލު