ENGLISH

02 ޖުލައި 2025

Advertisement

ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފަށަނީ

28 ޖޫން 2025

|

ޢަލީ ޝަހީމް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ހުޅުވުން. ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ފަށާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފިއެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ހޮސްޕިޓަލުން ގެޒެޓުކުރި އިއުލާނުގައި ބުނީ އެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އިންޓަރންޝިޕް ފުރުޞަތު ހުޅުވާލަނީ 15 ދަރިވަރުންނަށް ކަމަށެވެ. 

އެ ހޮސްޕިޓަލުގައި ޖުލައި މަހު ފަށާ ޕްރޮގްރާމަށް އެދި ހުށަހަޅަންޖެހޭ ފަހު ތާރީޚަކީ ޖުލައި 8 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. 

ހުޅުމާލެ ހޮސްޕިޓަލުން ވަނީ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންގެ ޝަރުތުތައް އާއްމުކޮށްފައެވެ. އެގޮތުން؛ 

  • މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން 
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން 
  • ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރެކޯޑެއް ނެތުން 

މެޑިކަލް އިންޓަރންޝިޕަށް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރުޞަތަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ޖުލައި 8 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ މެއިލް [email protected] އަށް ފޮނުވުމަށް ވަނީ އެދިފައެވެ. 

ދިވެހި ދަރިވަރުން އެމްބީބީއެސް ފުރިހަމަކުރުމަށް ފަހު އިންޓަރޝިޕް ހަދާނެ އިތުރު ފުރުސަތުތައް ސަރުކާރުން އަންނަނީ ހުޅުވާލަމުންނެވެ. މީގެކުރިން އެ ފުރުސަތު ލިބެނީ ހަމައެކަނި އައިޖީއެމް ހޮސްޕިޓަލުންނެވެ. އޭގެފަހުން މިހާރު އޭޑީކޭގައި ވެސް އިންޓަރންޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

މާލޭގެ އިތުރުން އަތޮޅު ތެެރެެއަށް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ މެއި މަހު ސަރުކާރުން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވެސް މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. 

ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓަރޝިޕް ހެދުމުގެ ފުރުޞަތު މުޅިން އަލަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ދަރިވަރުންނަށް ލުއި ލިބިގެންދާނެއެވެ. އެމްބީބީއެސް ފުރިހަމަކުރުމަށް ފަހު މެޑިކަލް އިންޓަރންޝިޕްގެ ފުރުޞަތު ރާއްޖޭގައި މަދުވުމުގެ ގޮންޖެހުން ކުރިން ވެސް އޮވެ އެވެ. 

ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކާއި އެއްވަރަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު