ENGLISH
02 ޖުލައި 2025
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ޖޫން 2025
|
ޝައިޚް ފަރީދުގެ ދެ ދަރިކަލުން، ބައްޕަގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅަނީ.
ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާގައި ކުއްލި ގޮތަކަށް އަވަހާރަވި ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އިއްޔެ އެޤައުމުގައި އަޅައިފިއެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިދިނީ ފަރީދުގެ ދެ ދަރިކަލުންނެވެ. ފަރީދުގެ ދެ ދަރިކަލުން ބަންގްލަދޭޝަށް ގޮސް ބިންގާ އެޅި ވީޑިއޯ، ފަރީދު މަސައްކަތްކުރެއްވި ޚިދުމަތް ޖަމިއްޔާއިން ވަނީ އާއްމުކޮށްފައެވެ.
"الحمد لله. މިއަދު ﷲގެ ރަޙްމަތާއެކު މިވަނީ ޝައިޚް އިބްރާހިމް ފަރީދު (رحمه الله) ގެ ނަމުގައި ބަންގްލަދޭޝްގައި ބިނާ ކުރެވޭ މިސްކިތުގެ ބިންގާ އެޅިފައެވެ.ދުޢާއަކީ މި މިސްކިތަކީ އިސްލާމީ އުންމަތަށް ފައިދާކުރަނިވި ޖީލެއް ބިނާކުރެވިގެންދާ ބޮޑު މަރުކަޒަކަށް ވެގެން ދިޔުމެވެ. އަދި މި މިސްކިތުގައި ކުރެވޭ އެންމެހާ ހެޔޮޢަމަލުތަކުގެ ސަބަބުން ޝޭޚް ފަރީދު (رحمه الله) ގެ ދަރަޖަ އުފުލިގެން ދިޔުމެވެ.މި ފުރުޞަތުގައި މިކަމުގައި ބައިވެރިވެދެއްވާ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ﷲ ތަޢާލާ ތިޔަބޭފުޅުންގެ މި ހެޔޮޢަމަލު ޤަބޫލުކުރައްވާށި!" ޚިދުމަތް ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ޝައިޚް ފަރީދަކީ ރާއްޖޭގައި ހިންގާ ޚިދުމަތް ޖަމިއްޔާގެ މުސްތަޝާރުގެ އިތުރުން ޝަރީޢާ ބޯޑުގެ ރައީސްއެވެ. ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން ޚިދުމަތް ޖަމިއްޔާއިން އެންމެ ފުރަތަމަ ފުރުޞަތު ހުޅުވާލީ، ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހޭދަކުރުމަށެވެ. އެ ފުރުސަތަށް ދުވަހެއް ނުވަނީސް ގިނަ ބައެއްގެ މާލީ އެހީތެރިކަމާއެކު ބަންގްލަދޭޝްގައި ޤާއިމްކުރަން ހަމަޖެއްސި މިސްކިތަށް ބޭނުންވާ ފައިސާ ހަމަވިއެވެ.
ބަންގްލަދޭޝްގައި ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރަން ނިންމީ 250 އަކަމީޓަރުގެ ބޮޑު 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ 760،000 ރުފިޔާ ހަމަވެފައިވާކަމަށް ޚިދުމަތް ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގައި ބިނާކުރަން ނިންމި މިސްކިތަށް ފައިސާ ހަމަވެ، ގިނަ ބަޔަކު އެދެމުންދާތީ ޚިދުމަތް ޖަމިއްޔާއިން ނިންމީ ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށެވެ. އެ ޖަމިއްޔާއިން އިއްޔެ ކުރި ޕޯސްޓުގައި ބުނީ ރާއްޖޭގައި ބިނާކުރުމަށް ނިންމާފައިވާ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ.
ޝައިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެއާޕޯޓުގައެވެ. އެއާޕޯޓަށް ޝައިޚު ފަރީދު ވެއްޓިވަޑައިގަތުމާއެކު އަވަސް ފަރުވާދީފައިވެއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްތެރޭ ވަނީ އަވަހަރާވެފައެވެ.
ޝައިހް ފަރީދު ވަނީ ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ޝައިޚް ފަރީދު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ އެ ދަރުސްތަކުން ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި، އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބެއް ލިބިގެން ދިޔަ ދަރުސްތަކެކެވެ.