ENGLISH
02 ޖުލައި 2025
ސޯލިހްގެ ފުރަތަމަ ބަހުގެ ހަމަލާ ނަޝީދަށް، އެމްޑީޕީ ދެމި އޮތީ ޕާޓީ ހިފައިގެން ނުދެވުނީމަ
27 ޖޫން 2025
|
ރައީސް ނަޝީދާއި ރައީސް ސޯލިހް އަދި ފައްޔާޒް ހިޔާލުތަފާތުވުންތައް އެއްގޮތް ކުރެވޭތޯ ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ
އިދިކޮޅު އެމްޑީޕީ މިއަދާ ހަމައަށް ދެމި އޮތީ އެ ޕާޓީ ރޫޅާލަން, ޕާޓީ ދޫކޮށްދިޔަ އެއްވެސް މީހަކަށް އެ ޕާޓީ ހިފައިގެން ނުދެވުނީމަ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް, ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް ނުސީދާކޮށް ވަރުގަދައަށް ބަހުގެ ހަމަލާތަކުން ރައްދު ދެއްވައިފި އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމާއި ގުޅިގެން ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ސޯލިހް ވަނީ އެ ހަޤީޤަތުގެ ވާހަކަ މިއަދު ދެއްކުން އެހާ ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަ ވިދާޅުވި އެވެ.
ވިދާޅުވީ އެމްޑީޕީ ދޫކޮށްދިޔަ އެއްވެސް މީހަކަށް އެ ޕާޓީ ހިފައިގެން ނުދެވުނު ކަަމަށެވެ. އެމްޑީޕީއާ މެދު ހިތްހަމަނުޖެހިގެން ވަޑައިގަންނަވަން ޖެހުނީ އެ ބޭފުޅަކު ކަމަށް ވިދާޅުވި އެވެ. އެއީ ސީދާ ނަޝީދަށް އަމާޒު ކުރެއްވި ބަހުގެ ހަމަލާއެއް ނަމަވެސް އެކަމުން ސޯލިހްގެ ސިޔާސީ ކެރިއަރަށް ކުރާނެ އަސަރު ވިސްނިވަޑައިގެން ދެން ވިދާޅުވީ އެއީ ވަކި ބޭފުޅަކަށް އަމާޒު ކުރެއްވި ވާހަކައެއް ނޫން ކަމަށެވެ.
އަދި އެއީ މާކުރީންސުރެ ފަށައިގެން އެެމްޑީޕީގައި ކަން ހިނގަމުން އައި ގޮތް ކަމަށް ވިދާޅުވި އެވެ.
އެގޮތުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް އާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ޗެއާޕާސަން މޫސާ މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުން ފާހަގަ ކުރެއްވި އެވެ.
ނަޝީދުވެސް އަލުން އެމްޑީޕީއަށް ވަޑައިގެންނެވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ބޭނުންފުޅުގަ އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާ ކަން ހާމަކުރެއްވުމުގެ ކުރީން ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ހިމޭހެން އެމަނިކުފާނުގެ އަރިސް މެންބަރުންނަށް, ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ މެސެޖެއް ކުރައްވާފަ އެވެ.
ސޯލިހާއި ނަޝީދުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްއާ މަޖިލީސް މެންބަރު ޑރ. ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.
އިދިކޮޅު ޕާޓީއެއްގެ ހަޤީޤީ ދައުރު އަދާކުރުމުގެ ބަދަލުގައި އެ ޕާޓީގެ ހުރިހާ ވެރީން ރިޔާސީ ޓިކެޓަށް ވާދަކުރާތީ އެ ޕާޓީގެ އާންމު މެންބަރުންނާއި އިސް އެކްޓިވިސްޓުންގެ މެދުގައި ވަނީ މާޔޫސްކަމާއި ހިތްހަމަނުޖެހުން އުފެދިފަ އެވެ.