ENGLISH

02 ޖުލައި 2025

Advertisement

ޓަރމިނަލް ހުޅުވުމުގެ މަސައްކަތުގެ އަދާހަމަ: ފިޒިކަލް ޓްރަޔަލްތައް ފަށަން ވަނީ ތައްޔާރުވެފައި

27 ޖޫން 2025

|

އިސްމާއީލް ރާތިއު

ވީއައިއޭގެ އާ ޓަރމިނަލް-- ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާޞަބަތާ ގުޅުވައިގެން، ވެލާނާ ބައިނަލްއަޤުވާމީ ވައިގެބަނދަރު (ވީއައިއޭ) ގައި ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވުމަށް ތައްޔާރުވަމުންދާ އާ ޓަރމިނަލުގައި މިހާރު ކުރިއަށްދަނީ، ތަނުގައި ބޭނުންކުރާނެ އިކުއިޕްމަންޓުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ ފިޒިކަލް ޓްރަޔަލްތައް ކަމަށް، މީޑިއާތަކާ ހިއްސާކުރި ވީޑިއޯ މެސެޖެއްގައި، ޓަރމިނަލުގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފަރ (އޮރާޓު) ގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަހައްޓަމުން ގެންދާ "މޮޑަލިސް" ކުންފުނީގެ އޮރާޓް ޕްރޮޖެކްޓު މެނޭޖަރ، ރޮބް ވިލިއަމްސް ހާމަކޮށްފިއެވެ.

ރޮބް ބުނީ، މޮޑަލިސްގެ މައިގަނޑު ޒިންމާއަކީ ޖުލައި 26 ގައި ޓަރމިނަލް ހުޅުވާއިރު، ވީސާވެސް ރިސްކް ކުޑަކޮށް އެކަން ކުރުމުގައި އެމްއޭސީއެލް އަށް އެހީވުން ކަމަށެވެ. އަދި، މިދިޔަ މާރޗް މަހުން ފެށިގެން މޮޑަލިސްގެ ޓީމު، ވީއައިއޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އެހާރުން ފެށިގެންވެސް ޓަރމިނަލް ހުޅުވަންވާއިރަށް ހުރިހާ ކަމެއް ތައްޔާރުކަން ކަށަވަރު ކުރުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުންނާއި ހިއްސާދާރުން ޓަރމިނަލްއަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން ފަދަ މަސައްކަތްތައް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެގޮތުން، ހުރިހާ މުވައްޒަފުންވެސް އިމާރާތަށާއި އިކުއިޕްމަންޓު ތަކަށް ހޭނިފައިވާކަން ޔަޤީންކުރުމުގެ ކަންކަންވެސް ކުރެވިފައިވާކަން އޭނާ ފާހަގަކުރިއެވެ. ވަކިން ޚާއްޞަކޮށް، ޓަރމިނަލް ހުޅުވާ ދުވަހު، ކޮންމެ މުވައްޒަފަކުވެސް ތިބެންވީ ތަންތަނާއި، އެތަނަށް ދާނެ މަގާއި، ކޮންމެ މުވައްޒަފެއްވެސް ކުރަންޖެހޭ މަސައްކަތްތައް އެނގިފައިވާކަން ޔަޤީންކުރުމުގެ މަސައްކަތްވެސް ކުރެވިފައިވާކަން އޭނާ ފާހަގަކުރިއެވެ.

މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން ރޮބް ބުނީ، މިހާރު ކުރިއަށްދަނީ ޓްރަޔަލްތައް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން، ޓަރމިނަލްގައި ހުންނާނެ އެކްސްރޭ މެޝިންތައް ފަދަ ހުރިހާ އިކުއިޕްމަންޓެއް ބަހައްޓައިގެން، މުވައްޒަފުންނަށް އެތަކެތި ބޭނުންކުރަން އެނގޭކަމުގެ އިތުރަށް، ހުރިހާ ޕްރޮސީޖަރ ތަކަކަށްވެސް މުވައްޒަފުން އަހުލުވެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ. އަދި ޖޫން މަހު ފަހުކޮޅުގެ އިތުރުން ޖުލައި މަހު ކުރީކޮޅު، ޑަމީ ފަސިންޖަރުންނާއި، ލައިވް އެއަރކްރާފްޓަކާއެކު ފުލް-ސްކޭލް ޓްރަޔަލްއެއް ކުރިއަށްދާނެ ކަމަށް ރޮބް ބުންޏެވެ.

ޖުލައި 26 ވަނަ ދުވަހު އާ ޓަރމިނަލް ހުޅުވާއިރު، ވީހާވެސް ރިސްކް ދަށްކުރުމުގެ ގޮތުން ހުރިހާ އެއަރލައިންއެއް އެއްފަހަރާ ގެނައުމުގެ ބަދަލަށް، އާ ތަރމިނަލަށް އެންމެ ފުރަތަމަ ގެންނާނީ މޯލްޑިވިއަންގެ ފްލައިޓެއް އެކަނި ކަމަށް ރޮބް ބުންޏެވެ. އަދި ބާކީ އެއަރލައިންތައް އާ ޓަރމިނަލަށް ޖައްސަން ފަށާނީ، ހުޅުވާ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ މަސް ވަރަށް ބަހާލައިގެން ކަމަށްވެސް ރޮބް ބުންޏެވެ.

"އޮރާޓް" އަކީ، އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި، ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މިންގަނޑުތަކަށް ޓަރމިނަލް ފެތޭކަން ކަށަވަރުކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު