ENGLISH
02 ޖުލައި 2025
ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް: ހުކުރު ޚުޠުބާ
27 ޖޫން 2025
|
ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައި ބުނެފައިވަނީ، ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި، އެ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާ عليه السلام ސަލާމަތްކުރައްވާ، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ. އަދި، މި ހާދިސާ ވަރަށް ތަފްޞީލުކޮށް ޚުޠުބާގައި ކިޔައިދީފައިވެއެވެ. އަދި، މި ހާދިސާއިން ލިބޭ މުހިންމު ދެ ފިލާވަޅެއް ވެސް ގެނެސްފައި ވެއެވެ.
އެގޮތުން، މިދުވަހު ބަނޫ އިސްރާއީލުން ގޮވައިގެން ސިއްރިއްޔާތުގައި މޫސާ عليه السلام މިޞްރުން ނުކުމެވަޑައިގަތުމުން، ފިރުޢައުނު، އޭނާގެ ލަޝްކަރު އެއްކޮށް، މޫސާ عليه السلام ގެ ފަހަތުން ދިޔަ ކަމަށާއި، މޫސާ عليه السلام ގެ ފަހަތުގައި ތިބި މީހުންނަށް އެ ލަޝްކަރު ފެނުމުން ބިރުން، "ހަމަކަށަވަރުން އެއުރެން، ތިމަންމެން އަތުލައިގަންނާނެއޭ" ބުނި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި އޭގެ ޖަވާބުގައި، "ހަމަ ހިލާ އެހެންނަކުން ނުވާނެއޭ، ހަމަކަށަވަރުން ތިމަންގެ ވެރި ރަސްކަލާނގެ ތިމަންމެންނާ އެކުގައި ވޮޑިގެންވެއޭ، އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެއޭ" ވިދާޅުވިކަމަށް، ޚުޠުބާގައި ވެއެވެ. އަދި އެހިނދު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް އެންގެވި ކަމަށާއި، އެފަދައިން ކަންތައް ކުރެއްވުމުން ކޮންމެ ބައެއް، ބޮޑު ފަރުބަދައަކާއި އެއްވަރަށް 12 ބަޔަށް ކަނޑު އިރައިގެންދިޔަ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި އެ 12 ބައިން، ބަނޫ އިސްރާއީލުންގެ 12 ޤަބީލާގެ މީހުން ކަނޑު ހުރަސްކޮށް ނިމުމުން، އިހުގެ ޙާލަތަށް ކަނޑު އިޢާދަކުރައްވާ، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވީ ކަމަށްވެސް ޚުޠުބާގައި އައިސްފައި ވެއެވެ. މި ވާހަކަތައް ބަޔާންކޮށް، އައްޝުޢަރާ ސޫރަތުގެ 64 ވަނަ އާޔަތުން ފެށިގެން 66 ވަނަ އާޔަތުގެ ނިޔަލަށް ޚުޠުބާގައި ގެނެސްފައި ވެއެވެ.
މި ހާދިސާއިން ލިބޭ ޢިބުރަތްތަކުގެ ތެރެއިން ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް ޚުޠުބާގައި ބަޔާންކޮށްފައިވަނީ، ﷲ ތަޢާލާ އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވި މީސްތަކުން ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމެވެ. މިފަދަ ހާދިސާތަކުން އެނގެނީ މުޞީބާތްތަކުން ސަލާމަތްވުމުގެ އަޞްލަކީ އީމާންކަމާއި އިސްލާމްކަން ކަމުގައި ޚުޠުބާގައި ބުނެފައި ވެއެވެ. އަދި، ޔޫނުސް ސޫރަތުގެ 103 ވަނަ އާޔަތާއި ޣާފިރު ސޫރަތުގެ 65 ވަނަ އާޔަތް، މިކަމަށް ބާރުދިނުމަށްޓަކައި ގެނެސްފައިވެއެވެ.
ދެވަނަ ކަމަކަށް ޚުޠުބާގައި ގެނެސްފައިވަނީ، މާތްﷲ އަށް އުރެދި، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވާ، އެ މީހުން ނެތިކުރައްވާނެކަމާއި، އެއުރެން ކާމިޔާބު ނުވާނެ ކަމެވެ. އަދި ފަސާދައާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭނެ ކަމެވެ. މީގެ އިތުރަށް، މާތް ﷲ އަށް އީމާންވާ މީހުންނަށް ދުނިޔެމަތީގައި ވެސް ޢިއްޒަތާއި، ޝަރަފާއި ޤަދަރު ދެއްވާނެ ކަމެވެ. ޚުޠުބާގައި މިކަމަށް، ޤަޞަޞް ސޫރަތުގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތުން ބާރުދީފައިވެއެވެ.
ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މާތްކަން ބަޔާންކޮށް، އިމާމް މުސްލިމް رحمه الله ރިވާކުރައްވާފައިވާ ޙަދީޘް ބަސްފުޅެއް ޚުޠުބާގައި ގެނެސްފައި ވެއެވެ. "އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް، މާތް ﷲ ފުއްސަވައިދެއްވާނެ ޢަމަލެއް ކަމުގައި ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ." އަދި، ޢާޝޫރާ ދުވަހު ރޯދަހިފުމުގައި ތިން ދަރަޖައެއް ވާކަމަށް އަލް އިމާމް އިބުނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވާ ބަސްފުޅެއް ޚުޠުބާގައި ގެނެސްފައި ވެއެވެ. އޭގެތެރެއިން އެންމެ މަތީ ދަރަޖައަކީ މުޙައްރަމް މަހުގެ 9، 10 އަދި 11 މި ތިން ދުވަހު ރޯދަހިފުން ކަމަށާއި، ދެވަނަ ދަރަޖައަކީ 10،9 މި ދެ ދުވަހު، ނުވަތަ 11،10 މި ދެ ދުވަހު ރޯދަހިފުން ކަމަށާއި އަދި ތިންވަނަ ދަރަޖައަކީ ހަމައެކަނި 10 ވަނަ ދުވަހު ރޯދަހިފުން ކަމަށް، އެކަލޭގެފާނު ވިދާޅުވެފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތް ވެގެންވާއިރު، ވަކި ޚާއްޞަ ދުޢާއެއް ފަދަ އިތުރު އެހެން ކަމެއް ފެންނަން ނެތް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި، މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ މަހެއް ކަމަށައި، ރަމަޟާން މަހަށް ފަހުގައި ރޯދަހިފުން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ މި މަހުގައި ކަމަށް، މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ގެނެސްފައިވެއެވެ.