ENGLISH

27 ޖޫން 2025

Advertisement

މީގެ ފަސް އަަހަރުކުރީން ގެއްލުނު ނަސްރުﷲގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަނީ

26 ޖޫން 2025

|

އަޙުމަދު ޙަމީދު

ބ. އޭދަފުށި، މުސްތަރީގެ، ނަސްރުﷲ އަބްދުﷲ

މީގެ ފަސް އަަހަރުކުރީން ގެއްލުނު ބ. އޭދަފުށި، މުސްތަރީގެ، ނަސްރުﷲ އަބްދުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަން ނިންމާ އެކަން އޭދަފުށީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ނަސްރުﷲ ގެއްލުނީ މީގެ ފަސް އަހަރު ކުރީން ބ. އަތޮޅު އަނގަފަރު ފަޅު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްގަ އެވެ. އެކްސިޑެންޓް ހިނގީ ޖަނަވަރީ 2, 2020 ގަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ނަސްރުﷲގެ މަރު, ކޯޓުން ސާބިތުކޮށްފައިވާ ކަމަށެވެ. އޭނާގެ މަރު ސާބިތުކުރަން އާއިލާ އިން ހުށައެޅުމުން އެ މައްސަލަ ކޯޓުން ނިންމާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އަދި އެ ނިންމުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ މަޝްވަރާކޮށް މާދަމާ ހުކުރު ނަމާދަށް ފަހު ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ ގޮތުން އޭދަފުށީގެ ތިން މިސްކިތެއްގައި ނަސްރުﷲގެ މައްޗަށް ކަށުނަމާދު ކުރާނެ އެވެ.

ނަސްރުﷲ ގެއްލުނު ހާދިސާއާ ގުޅިގެން އޭނާ ހޯދުމަށް އެތައް ދުވަހެއް ވަންދެން ސިފައިން ހަރަކާތްތެރިވި އެވެ. ވަޔާއި ކަނޑުގެ މަގުން އަދި ޑައިވަރުން ފީނައިގެން ވެސް ވެސް އޭނާ ހޯދުމަށް މަަސައްކަތް ކުރި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ދާދި ފަހުން ވިދާޅުވި ގޮތުގައި ގެއްލޭ މީހުންގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވޭނީ ކޯޓުން މަރު ސާބިތު ކުރުމަށް ފަހު އެވެ. މިނިސްޓަރު އެކަން ހާމަ ކުރެއްވީ ލ. މާވަށުން މާލެ ދަތުރުކުރި ބޯޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފު ގެއްލުނު ހާދިސާއާ ގުޅިގެންނެވެ.

މުޝްފިޤު ނުފެނުނު ކަމަށް ނިންމާ މާވަށު ކައުންސިލުން ވަނީ އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަށް ނިންމާފަ އެވެ. ނަމަވެސް މިނިސްޓަރު އެގޮތަށް ހާމަކުރެއްވުމުން އެކަން ކަނޑައަޅަން ދެން އެ ނިންމުމަށް އަމަލު ކުުރުން އޮތީ ފަސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު