ENGLISH

27 ޖޫން 2025

Advertisement

ރ. އަތޮޅު ފެރީގެ ނިޒާމުން ގުޅާލީ ވައުދުފުޅުތައް ފުއްދެވުމަށް ރައީސް ދެއްވާ ސަމާލުކަން ޔަގީންކޮށްދެމުން

26 ޖޫން 2025

|

ޝާމަ ޝުޢައިބު

ފޮޓޯ: އެމްއެމްޓީވީ

ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ކަމެކެވެ. އެހެންކަމުން ޒަމާނުއްސުރެ އާންމު ރައްޔިތުންނަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، އެއްގަމާއި ވައި އަދި ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ، ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތެވެ. 

ޚާއްސަކޮށް ކަނޑު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ރިޔާސީ އިންތިޚާބުގައި އެ ދާއިރާ އަށް ޚާއްސަ ކަމެއް ދެއްވަވާ ވައުދުވެވަޑައިގެންނެވީ އެހެން ވެގެންނެވެ. އެގޮތުން މި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް މަޝްރޫއުއަކީ ރާއްޖެ ޓްރާންސްޕޯޓްސް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީގެ ޚިދުމަތް ދިނުމަށް ކުރިއަށް ދާ މަޝްރޫއު އެވެ.

އާރްޓީއެލް ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، ހަ ޒޯންއަކަށް އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއުއެކެވެ. 

އާރްޓީއެލްގެ ޚިދުމަތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށްޓަކައި ފެށި މަޝްރޫއު އެކެވެ. ނަމަވެސް ފާއިތުވި ސަރުކާރުގައި އާރްޓީއެލްގެ މަސައްކަތް ފެށި އެންމެ ހަލުވި ސްޕީޑްގައި އެ މަަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މުޅި ރާއްޖެއަށް މި ނިޒާމު ފުޅާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބޮޑަށް ހުއްޓުމަކަށް އައެވެ. ވަކި ހަރުދަނާ ޕްލޭނެއް ނެތި އަދި ދުރުވިސްނުމުގެ ސިޔާސަތެއް ވެސް ނެތި ކުރިއަށް ގެންދެވުނު މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް އެދެވޭ ގޮތެއްގައި މި ނިޒާމުގެ ފައިދާ އެއް އެ ދައުރަކު ނުލިބުނެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހާލަތު އޮތީ އާރުޓީއެލްގެ ޚިދުމަތް ދިނުމަށް އިންސާނީ ވަސީލަތާއި އުޅަނދުތައް ވެސް އިތުރުކުރަންޖެހޭ ހާލަތުގައެވެ. މުޅި ރާއްޖޭގައި މި ޚިދުމަތް ފަށަން 56 އުޅަނދު އިތުރަށް ބޭނުންވެ އުޅަނދުތައް މަދުވުމުގެ ސަބަބުން އެތަކެއް ދަތިތަކާ ދިމާވަމުން ދިޔައެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތްތައް ރާވާލީ މި ހުރިހާ ކަމަކަށް ވެސް ހައްލު ލިބޭނެފަދަ ގޮތަކަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، މި ނިޒާމު ހަރުދަނާކޮށް، މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި އެވެ. އެގޮތުން އާރްޓީއެލްގެ މުޅި މަޝްރޫޢު ފަރުމާކޮށްފައި އޮތީ 2027 ވަނަ އަހަރަށް މުޅި ރާއްޖެއަށް ޚިދުމަތް ލިބޭ މިންވަރަށް ކުރިއަށް ގެންދަން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް މި ޚިދުމަތް ދިނުމަށެވެ. އެކަން އެމަނިކުފާނު އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. 

ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. މިގޮތުން، މި އަހަރުގެ ޖޫން މަހު ރ. އަތޮޅުގައި އެ ޚިދުމަތް ފެށުމަށެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޖުލައި މަހުގެ ތެރޭގައި، ބ. އަތޮޅުގައި އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށެވެ.

ރައީސްގެ އެ ވައުދުފުޅާ އެއްގޮތަށް ޖޫން މަހުގެ 26 ވަނަ ދުވަސް ވެގެން މި ދިޔައީ ތާރީޚީ އަދި އުއްމީދީ ދުވަހަކަށެވެ. ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ނިޒާމު ފެށުމަށް ވެވަޑައިގެންނެވި ވައުދުފުޅު އެމަނިކުފާނު މިވަނީ ރަނުންރަނަށް ފުއްދަވާފަ އެވެ. މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ހަރުދަނާކަމާއި، ވައުދުފުޅުތައް ފުއްދެވުމަށް ދެއްވާ ސަމާލުކަން ހާމަކޮށްދޭ މިސާލެކެވެ.

އާރްޓީއެލް ފެރީގެ ނިޒާމު ހަރުދަނާކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަކީ، ރާއްޖޭގެ ކުރިއެރުމަށްޓަކައި އަދި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. އާރްޓީއެލް ފެރީގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާވުމަކީ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އެންމެ ބޮޑު އެއް ފައިދާއަކީ، އެކިއެކި ބޭނުންތަކުގައި އެއް ރަށުުން އަނެއް ރަށަށް ކުރަން ޖެހޭ ދަތުރުތައް ފަސޭހަވުމެވެ. ކުޑަ ޚަރަދެއްގައި އެ ދަތުރުތައް ކުރެވޭނެ ގޮތްވެ ރައްޔިތުންގެ ޖީބަށް ލުއިވެގެން ދިއުމެވެ. ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ރައްޔިތުންގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެހެން ރަށްރަށުން ލިބެންހުންނަ ސިއްހީ ޚިދުމަތްތަކާއި ތައުލީމީ ފުރުސަތުތަކަށް ފަސޭހައިން ދެވޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ރަށްރަށުގެ އިގްތިސާދު ހަރުދަނާވެ، އުފެއްދުންތެރިކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަމެއް ވެސް މެ އެވެ.

އާރުޓީއެެލް ފެރީގެ ނިޒާމު ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތާއެކު ރައީސް މުއިއްޒަކީ ވެވަޑައިގެންނެވި ކޮންމެ ވައުދުފުޅެއް ފުއްދަވާނެ ވެރިއެއްކަން ޔަގީން ވެގެން ދިޔައީ އެވެ. ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނުމާއި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އެ މަނިކުފާނު އޮތް ސާފު އަޒުމު ފެނިގެން ހިނގައްޖެ އެވެ. ޔަގީންވީ މި ސިޔާސަތުތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި އާ ފަސްލެއް ފެށި، ތަރައްގީގެ އާ އުޖާލާ މަންޒަރުތަކެއް ފެނިގެންދާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު