ENGLISH

26 ޖޫން 2025

Advertisement

ޤަވާއިދާ ޚިލާފު ބިދޭސީން ހޯދުމަށް އައްޑޫގައި ހިންގި އޮޕަރޭޝަންގައި 83 ބިދޭސީން ހިފަހައްޓައިފި

26 ޖޫން 2025

|

އަޙުމަދު ޙަމީދު

އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން -- ފޮޓޯ: އިމިގްރޭޝަން

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް އޮޕަރޭޝަން އައްޑޫ ސިޓީ ގައި ކާމިޔާބު ކަމާއެކު ހިންގާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި އޮޕަރޭޝަން ހިންގީ އިއްޔެ ހެނދުން ފެށިގެން އިރުއޮއްސެންދެންނެވެ. "އޮޕަރޭޝަން ހަމަމަގު" ނަމުގައި ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ދަށުން އައްޑޫން 678 ބިދޭސީން ވަނީ ފާސްކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ އޭގެ ތެރެއިން 83 މީހަކު ރާއްޖޭގައި އުޅެމުން އައީ ސައްޙަ ވިސާ ނެތި ކަމަށެވެ. އެހެން ކަމުން އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ކަމަށް ފާހަގަވި 75 މީހަކަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، އެ އިދާރާގެ މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙަލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމެވެ. އެ މަސައްކަތުގެ ތެރެއިން ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް 7549 ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. 

ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް 151،694 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ވަނީ ނަގައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. 

ކިޔުންތެރިންގެ ހިޔާލު