ENGLISH

26 ޖޫން 2025

Advertisement

ތާރީޚީ އަހަރެއް، މިއީ މުދަލު ޒަކާތް އެންމެ ގިނައިން ބޮލަކަށް ބެހި އަހަރު

26 ޖޫން 2025

|

ޝާމަ ޝުޢައިބު

ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެހެން އަހަރުތަކާ ޚިލާފަށް މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާފައިވާ އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ. 

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އެކައުންޓުތަކަށް ބޮލަކަށް 5000 ރުފިޔާގެ މަގުން ޖަމާކޮއްފައިވާ ކަމަށެވެ. 

ކޮންމެ އަހަރަކުވެސް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާއިން ސީދާގޮތުން މާލީ އެހީތެރިކަން ފޯރުކޮއްދެއެވެ. އެހެން އަހަރުތަކޭ އެއްފަދައިން މާލެ އާއި އަތޮޅުތަކުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހިޖުރީ އައު އަހަރު ފެށުމުގެ ކުރިން މިއަހަރު ވެސް ވަނީ ފައިސާ ޖަމާކޮށްދީފައިވެއެވެ.

ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު 2021 ވަނަ އަހަރު މުދަލު ޒަކާތުން ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ. 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2024 ވަނަ އަހަރު 4000 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް 2025 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާފައިވާ އަހަރެވެ. އެގޮތުން ފައިސާ ބަހާފައިވަނީ އެކެއް ޛުލްހިއްޖާ 1446، 28 މޭ 2025 ކުރިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ހައުސްއިން ސީދާ ގޮތުންނާއި ނުސީދާގޮތުން އެކި ހޭދަތަށް ދަނީ ކުރަމުންނެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޚާއްސަ ހާލަތާއި ކުއްލި ހާލަތު މެދުވެރިވެރިވާ ފަރާތްތަކަށް އެހީތެރިކަން ޒަކާތު ހައުސް އިން ދަނީ ފޯރުކޮށްދެމުންނެވެ. 

ޒަކާތު ހައުސް އިފްތިތާހު ކުރެވުނުފަހުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓުރީވުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ކޮންމެ ދެ އަހަރަކުން ރިވިއު ކުރެވޭނެ ކަމަށް ވެސް ޒަކާތު ހައުސް އިން ފާހަގަކޮށްފައިވެއެވެ.

22 އޭޕްރިލް 2025 އިން ފެށިގެން ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 15.57 ގެ ރޭޓުން 595 ގްރާމަށްވާ 9,264.15 އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު