ENGLISH
26 ޖޫން 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 ޖޫން 2025
|
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން އަދްނާން އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް ޢަލީ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި އެދިފައެވެ.
އެހެންކަމުން 19 މާރްޗް 2025 ގައި ބޭއްވި ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައި ހަބް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހަވާލުކުރަން ނިންމިއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި ފޭސް 2 ގައި އިމާރާތް ކުރާ މި ހަބުގެ މަގްސަދަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިތުރުވަމުން ދާތީ މި ފަރާތްތަކުގެ ހުނަރުތައް ތަރައްގީކޮށް އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.
އަދި މީގެއިތުރުން، އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތުވެސް ހޯދައި ދިނުން ހިމެނެއެވެ.
ފަންސަވީސް އަހަރު ދުވަހުގެ މި އެއްބަސްވުމުގައި ސޮއި ކުރި އިރު މި ހަބުގެ ޒަރިއްޔާއިން ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތްތަކަށް ފައިދާކުރާނެކަމަށަ ދެ މުއައްސަސާއިން ވެސް އުންމީދުކުރެއެވެ.