ENGLISH
26 ޖޫން 2025
އޭދަފުށީ ރައްޔިތުންގެ ބޮޑު ހުވަފެން 36 އަހަރު ފަހުން ހަގީގަތަކަށް
26 ޖޫން 2025
|
ބ. އޭދަފުށި. އެރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް މިދިޔަ އަންގާރަ ދުވަހު ވަނީ ގޯތި ދޫކޮށްފަ. ފޮޓޯ: ޔާން ފޮޓޯސް
އާބާދީގައި 3600 މީހުން ހިމެނޭ ބ. އޭދަފުއްޓަކީ ބިމުގެ ދަތިކަން ބޮޑު ރަށެކެވެ. ބޯހިޔާވަހިކަން ބޭނުންވާ އެތައް ރައްޔިތުންނެއް ދިރިއުޅޭ އެ ރަށުގައި 36 އަހަރު ފަހުން ވަނީ މިދިޔަ އަންގާރަ ދުވަހު ގޯތި ދޫކޮށްފަ އެވެ. އޭދަފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީ 1989 ވަނަ އަހަރެވެ. އޭގެ ފަހުން އެ ބިންތައް ފުރި، ބޯހިޔާވަހިކަން ބޭނުންވާ އެތައް އާއިލާތަކެއް ދިރިއުޅެމުންދާތީ ދައުލަތުން 126 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2014 ވަނަ އަހަރު އެ ރަށުން 26 ހެކްޓަރުގެ ބިން ހިއްކި އެވެ. އެ ސަރަހައްދުން ގޯތި ދޫކުރުމަށް 2019 އަދި 2020 ވަނަ އަހަރު ހުޅުވާލި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގޯތި ދޫކުރުން ކެންސަލްކުރީ އެވެ. ރަށުގެ ޖާގަ ތަނަސްވި ނަމަވެސް، 11 އަހަރު ވެގެންދިޔައިރު ވެސް އަމިއްލަ ހިޔާވަހިކަމެއް ލިބުމުން އެ ރަށުގެ ރައްޔިތުން ތިބީ މަހުރޫމުވެފަ އެވެ.
އޭދަފުށިން ގޯތި ދޫކުރުމަށް އެރަށު ފުޓްބޯޅަ ސްޓޭޑިއަމްގައި މިދިޔަ
ތިރީސް ހަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެ ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަޖެހުނީ މިދިޔަ އަންގާރަ ދުވަހު، ހިއްކި ބިމުގެ އިރުމަތީ ސަރަހައްދުން 183 ގޯތި ދޫކުރެވުމާ އެކު އެވެ.
ގޯތި ދޫކުރެވުމުގެ ކާމިޔާބީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ސިފަކުރެއްވީ އެ ރަށުގެ ތަރައްގީ އެޅިގެންދާ މުހިއްމު ފިޔަވަޅެއްގެ ގޮތުގަ އެވެ. ފާތިހު ވިދާޅުވި ގޮތުގައި މި ގޯތިތަކާ އެކު ރަށުގެ އެތައް ޒުވާނުންނަށާއި އާއިލާތަކަށް އުފާވެރި ދިރިއުޅުމެއް ފަށައިގަންނަން މަގުފަހިވެގެންދާނެ އެވެ.
"ކޮންމެ ދިރިއުޅުމަކަށް ވެސް އެންމެ މުހިއްމު ބިންގަލަކީ ބޯހިޔާވަހިކަން. އަމިއްލަ ގޯއްޗެއް ލިބުމުން ބޮޑުވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ. ވަރަށް ގިނަ ޒުވާނުންނަށް އަދި ވަރަށް ގިނަ އާއިލާތަކަށް އުފާވެރި ދިރިއުޅުމެއް ފަށައިގަތުމަށް މަގުފަހިވެގެންދާނެ. މިއަދު މި ގުރުއަތުލުމުގެ ތެރެއިން ލިބޭ ގޯތިތަކަކީ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށް ވާނޭ ކަމެއް. އަދި އިޖުތިމާއީ އެތައް ކަމެއްގެ އަސްލު ލިބި އާއިލާތަަކަށް އުފާވެރިކަން ލިބިގެންދާނެ." ފާތިހު ވިދާޅުވި އެވެ.
ބޮޑުމިނުގައި 52 ހެކްޓަރުގެ އޭދަފުއްޓަކީ ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކާފައިވާ ރަށަކަށްވާތީ، ރަށުގެ ތަރައްގީއަށްޓަކައި އަދިވެސް ބިމަށް ޑިމާންޑު އެބައޮތެވެ. މިހާރުވެސް ސަރުކާރުން އެ ރަށުގައި 1000 ހައުސިން ޔުނިޓު އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު އެރަށް ކައިރީ އޮތް ފަޅު ރަށް "މާއްޑޫ" އޭދަފުށީގެ ބައެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާާރުން ވަނީ ނިންމާފަ އެވެ.