ENGLISH
02 ޖުލައި 2025
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުން ކުރިއެރުން ހޯދިއްޖެ: ރައީސް
26 ޖޫން 2025
|
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ހަރުދަނާ މަސައްކަތްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިއެރުން ހޯދިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.
މަސްތުވާތަކެތީގެ ވަބާއާއި ޓްރެފިކިންގެ މައިގަނޑު ގޮންޖެހުންތައް ފާހަގަކޮށް، މިކަންކަން ހައްލުކުރުމަށް ޤާނޫނު ތަންފީޛުކުރުމާއި، ހުއްޓުވުމާއި، ފަރުވާދިނުމާއި، ރީއިންޓެގްރޭޝަންގައި މިހާތަނަށް ރާއްޖެއަށް ލިބިފަ ހުރި ކުރިއެރުންތައް ރައީސް ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއް، ފާހަގަކުރަމުންދާއިރު މިމައްސަލަ ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖެއަކީ ދުޅަހެޔޮ ރައްކާތެރި ގައުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިއާ ޚިލާފަށް އަދުގެ ސަރުކާރުން މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދަނީ މައިގަނޑު ދެ ގޮތަކަށެވެ. އެއީ ރާއްޖެއަށް އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމަށާއި، އެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖްތަމަޢަށް ނެރުން ހަރުދަނާ ކުރުމަށެވެ.
އަތޮޅުތަކުން ޑްރަގް ނެޓުވޯކުތައް ނައްތައިލުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީގައި ޑްރަގުގެ ވިޔަފާރިކުރާ ހުރިހާ ވިއުގައެއް މިހާރު ނެތިކޮށްލެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވަނީ މިއަހަދު ފެބްރުވަރީ މަހު ވިދާޅުވެފައެވެ.
އިޙުސާން ފާހަގަކުރެއްވި ގޮތުގައި ޑްރަގުގެ ސަޕްލައި ދަށްކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު 2023 ވަނަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ އެތައް ގުނައެއް އިތުރަށް 2024 ވަނަ އަހަރު މަސްތުވާތަކެތި އަތުލައިގަނެވި ރާއްޖޭގެ މަގުތަކަށް އެތަކެތި ނުކުތުން ހުއްޓުވިފައިވާކަން އިޙުސާން ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިއެރުން ހޯދިއްޖެ ކަމަށް ރައީސް ވިދާޅުވިއިރު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާނުން ދެނެގަނެ، އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ތެރެއިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ޕްރޮގްރާމްތަކެއް ވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.