ENGLISH

26 ޖޫން 2025

Advertisement

ޙާމިދުގެ ޖަނާޒާ، ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

26 ޖޫން 2025

|

އަޙުމަދު ޙަމީދު

ހާމިދުގެ ޖަނާޒާ ކުރިއަށް ދަނީ -- ފޮޓޯ: އެމްއެންޑީއެފް

އެލްސީވީއެއް ބަންޑުން ޖަހާލައި ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި އެވެ.

ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ މިރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ.

މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

މި ޖަނާޒާގައި، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ.

އަދި، މަސްޖިދުއް ޒައިދު ބިން ޘާބިތުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. އަދި، ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީސް އަރުވާފައެވެ.

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު (ސނ: 3433)، މި ދުނިޔެއާ ވަކިވެދިއުމަކީ ދިވެހި ސިފައިންނަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ ބުނެފަ އެވެ.

ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީއެއްގައި އުޅުއްވަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި އިރު، ސިފައިންގެ ޚިދުމަތުގައި ޝަރަފުވެރިކަމާ އެކު ޚިދުމަތް ކުރައްވާތާ 27 އަހަރު ވަނީ ވެފައެވެ.

ތ.ހިރިލަންދޫއަށް އުފަން ޙާމިދު ސިފައިންގެ ޚިދުމަތާ ގުޅިލައްވާފައި ވަނީ 1998 އެޕްރީލު 21 ވަނަ ދުވަހުއެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުއަށް އަސްކަރީ ޚިދުމަތުގައި ވަނީ، ފަސް މެޑެއްޔާއި، ހަތަރު ޝަރަފުގެ ކުލަ ލިބިލައްވާފައެވެ. އެ ގޮތުން ލިބިލައްވާފައިވާ ކުލަޔާއި މެޑެލިތަކުގެ ތެރޭގައި، 17ވަނަ ސާކްސަމިޓް މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، އަޚްލާގީ ކުލަ ތިންވަނަ ފަހަރަށް، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ކުލަ ހިމެނެއެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފުރިހަމަ ކުރައްވާފައިވާ އަސްކަރީ ތަމްރީނުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ފުރިހަމަކުރެއްވި އެންބީސީޑީ ކޯހާއި، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯހާއި، 11ވަނަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގގެ އިތުރުން، ކޯސްޓްގާޑް ބޭސިކް ޓްރޭނިންގ އަދި ބޭސިކް ފަޔަރ ފައިޓިންގ ކޯސް ހިމެނެއެވެ.

މި ހިތާމަވެރި ހާދިސާގައި ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވުމުގެ ހިތާމައިގައި،  މިރޭ 00:00އިން މާދަމާ ރޭ 00:00 އަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު