ENGLISH

02 ޖުލައި 2025

Advertisement

ތިނަދޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށް އިސްލާހީ ފިޔަވަޅު އެޅުމަށް އަންގައިފި

25 ޖޫން 2025

|

އަޙުމަދު ޙަމީދު

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކޮށް އިސްލާހީ ފިޔަވަޅު އެޅުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ. 

އެލްޖީއޭ އިން ވަނީ ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭ ސީރިއަސް މައްސަލަތަކަކާއި ގުޅިގެން ޚާއްސަ އިންކުއަރީއެއް ކުރިއަށް ގެންގޮސްފަ އެވެ. ކައުންސިލަރުންނަށް ޖަވާބުދާރީވުމަށް ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ މި އިންްކުއަރީގައި ގިނަ މައްސަލަތަކެއް ވަނީ ބަލާފަ އެވެ.

އެ ގޮތުން ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ތިނަދޫ ސިޓީ ކައުންސިލުން ޖަވާބުނުދީ ފޮނުވާލާ މައްސަލަ އާއި ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށައެޅުމުން 5,000 ރުފިޔާގެ ފީއެއް ނަގާ މައްސަލަ އާއި ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ކައުންސިލުން ފީއެއް ނެގުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެލްޖީއޭ ބޯޑުން އެންގުމުން އަމަލު ކުރި މައްސަލަ ހިމެނެ އެވެ.

މީގެ އިތުރުން ގދ. އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން ތިނަދޫ ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވުމުގެ މައްސަލަ އާއި އަތޮޅު ކައުންސިލުން އަންގާ އެއްވެސް އެންގުމަކަށް ތިނަދޫ ކައުންސިލުން އަމަލު ނުކުރާ މައްސަލައިގެ އިތުރުން މާލީ ވުޒާރާގެ ހުއްދަ ނެތި ކައުންސިލްގެ ބިޑް ކޮމެޓީއާ ބިޑް އިވެލިއޭޝަން ކޮމެޓީއަށް އެލަވަންސް ދޭ މައްސަލަ ހިމެނެ އެވެ.

ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުމާއި ވަކި ފަރާތަކަށް މަންފާވާ ގޮތަކަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދާ މައްސަލަ އާއި ކައުންސިލްގެ އިދާރީ މުވައްޒިފުންނަށް މަޖުބޫރުކޮށްގެން ވަކި ގޮތަކަށް ކަންކަން ކުރުވާ މައްސަލަ ވެސް ފާހަގަ ކޮށްފައިވެ އެވެ.

އަދި ތިނަދޫ ސިޓީ ކައުންސިލް މެންބަރު މުހައްމަދު ޒަލީފްގެ ސާބިތު ދަރަނީގެ މައްސަލަ އާއި ކައުންސިލް މެންބަރުން ކައުންސިލްގެ ޖަލްސާއަށް އެޖެންޑާއަށް ހުށައަޅާ ކަންކަން އެޖެންޑާ ނުކުރުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިޔަސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކައުންސިލުގެ ރައީސާއި މެމްބަރުން ނެގި މައްސަލަ ވެސް ފާހަގަ ކޮށްފައިވެ އެވެ.

މި މައްސަލަތަކާއި ގުޅިގެން ހިންގި އިންކުއަރީއަށް ފަހު އެލްޖީއޭ އިން ނިންމީ މޭޔަރު ސައުދު އަލީ މުސާރައާ އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަަހަށް ސަސްޕެންޑް ކުރުމަށެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރައާ އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށެވެ.

އެލްޖީއޭ އިން ވަނީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންގެ ތެރެއިން މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ އަނބުރާ ކައުންސިލަށް ދެއްކުމަށް އަންގާފަ އެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި ޤާނޫނާއި ޤަވާއިދުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު