ENGLISH
02 ޖުލައި 2025
ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ދެމިތިބެގެން: ރައީސް
25 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަޤީޤަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ފާހަގަ ކުރެއްވި އެވެ.
އެގޮތުން ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙައްމަދު ރަސޫލާ, އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވި ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެއްކަން ފާހަގަކުރައްވައި، ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ޙާޞިލްކުރުމުގައި ހިފަހައްޓަންވީ ޙިކްމަތެރި ހަމަތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވި އެވެ.
ހިޖުރައިގެ ދަތުރުފުޅަށް ރަސޫލު ފެއްޓެވި ރޭ، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި ޢަލީގެފާނު ބޭއްވެވުމާއި، ޢާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިޞްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގާ 3 ރޭ މަޑު ކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢާމިރު ބިން ފުހައިރާއާ ޙަވާލުކުރެއްވުމާ، މިކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.
ދަތުރުފުޅު މަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނަސްދެއްވުމަށް ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރާ ޙަވާލުކުރެއްވުމާއި، ފަރިއްކޮޅު ގެނަސްދެއްވުމަށް، ހިތްވަރުގަދަ އަންހެން ޞަޙާބީ، އަސްމާ ބިންތު އަބޫބަކުރާ ޙަވާލުކުރެއްވި ކަމީ، އިސްލާމީ މުޖުމަތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އަންގައިދޭ ކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހަނދާން ކޮށްދެއްވި އެވެ. މީގެ އިތުރުން، މުސްލިމުން އިތުރު ތަޖުރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލުވެސް ހިޖުރައިގެ ހާދިސާއިން އެނގިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ހިޖުރީ އައު އަހަރެއް ފެށިގެން ދިޔަ މިދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވި އެވެ. އެގޮތުން، ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ތަޙައްމަލު ކުރި އިރު، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަދި ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަަމަށް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަ ކުރެއްވިއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައި ވަނީ، ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވުމަށާއި، ދިވެހި މި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުޢާ ދަންނަވަމުންނެވެ.