ENGLISH

02 ޖުލައި 2025

Advertisement

މަޖިލީހުގެ އަގުވެއްޓޭ ގޮތަށް ވާހަކަނުދެއްކެވުމަށް އިލްތިމާސްކޮށްފި

25 ޖޫން 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ އަގު ވެއްޓޭ ގޮތަށް ވާހަކަނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެމްބަރުންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މެމްބަރުންނާ މުޚާތަބުކުރައްވާ ރިޔާސަތުން ވަނީ، މަޖިލީހުން މަސައްކަތް ނުކުރާ ކަމަށާއި ޖަލްސާތައް އަވަހަށް ނިންމާލަނީ މަސައްކަތް ނެތުމުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ދައްކަވަމުންގެންދަވާ ވާހަކަތަކަށް ރަައްދުދެއްވާފަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުން މެމްބަރުންގެ މެދުގައި އޮތް ނަމަވެސް އަމިއްލަފުޅު އަގުވެއްޓޭގޮތަށް މަޖިލީހުގައި އެއްވެސް މެމްބަރަކު ވާހަކަދައްކަވައިގެން ނުވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ސިޔާސީ ޚިޔާލުތަފާތުވުންތައް ބޮޑުވިޔަސް އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ އަގު ވެއްޓޭގޮތަށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްްކައިވެގެން ނުވާނެ. އެއީ މަޖިލީހުގެ ޖަލްސާތައް 10:30 ގައި ނިމިގެންދާއިރު ކޮމެޓީތައް ބަރާބަރަށް ހިނގަމުންދާކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެއް. މިއަދަށް ވެސް މަޖިލީހުގެ ކޮމިޓީތައް އެބަހުރި 11:30 އަށް ތާވަލުކުރެވިފައި،" ރިޔާސަތުން ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ނިމިދިޔަ 19 ވަނަ މަޖިލީހާއި ހިނގަމުންދާ 20 ވަނަ މަޖިލީހާއި އަޅާކިޔާނަމަ، މެއި މަހުގެ 25 ގެ ނިޔަލަށް އެ މަޖިލީހުން ފާސްކުރީ 27 ބިލު ކަމަށެވެ. އެއާ ޚިލާފަށް މިހާރުގެ މަޖިލީހުން އެ މުއްދަތުގައި 38 ބިލު ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.  

"އެހެންވީމާ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަސައްކަތް ނުކުރާ މަޖިލީހެއް ކަމަށް ދެންނެވޭކަށް ނެތް، 10:30 ގައި ޖަލްސާ ނިންމާލަނީ އެއަށްވުރެ އުފެއްދުންތެރި މަސައްކަތްތަކަށް ޖާގަދޭން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު