ENGLISH
02 ޖުލައި 2025
ގައުމު "ހަމަޔަކަށް ނޭޅެނީ" އެމްޑީޕީއާ ހެދި، މައްސަލައަކީ ލީޑާޝިފް: ފަލާހު
25 ޖޫން 2025
|
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)
ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން އެތައް މަސައްތަކެއް ކުރަމުންދާއިރު ވެސް "ގައުމު ހަމަޔަކަށް ނޭޅިގެން" އުޅެނީ އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރާ ގޮތުން ކަމަށާއި އެމްޑީޕީގެެ މައްސަލައަކީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި" އެމްޑީޕީން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.
އެ ގަރާރުގެ ބަހުސްގައި ފަލާހު އެމްޑީޕީގެ ވާހަކަދެއްކެވީ، މި ސަރުކާރަށް ފާޑުވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެެވަޑައިގަންނަވާ މެމްބަރުން ވާހަކަދައްކަވަމުންދާތީ އެވެ.
ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެއްކަމަކީ އެމްޑީޕީގެ ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެޑައިގެންނެވުމަށްފަހު އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ އުވާލެއްވުމަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ނިންމައި މި ހަފްތާގައި ބޭއްވި ޖަލްސާގެ ވާހަކައެވެ. މިދިޔަ ސަރުކާރުގައި އުފެދުނު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އޭރު އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ "ދަ ޑިމޮކްރެޓްސް" އުފެއްދެވި ނަޝީދު އަލުން އެމްޑީޕީއަށް ވަޑައިގެންނެވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ބޭނުންފުޅުގަ އެވެ.
ޑިމޮކްްރެޓްސް ޕާޓީން ވަކިވެ އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް މަރުހަބާ ކިޔުމަށްޓަކައި އެމްޑީޕީގެ ޖަލްސާ ބޭއްވީ ސަލްޓަންޕާކުގަ އެވެ. އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން ސަލްޓަން ޕާކުގެ އިވެންޓު ބާއްވާ ތަން ހޯދުމަށް އެދުމުން އެތަން ދޭން ސަރުކާރުން ނިންމިއިރު އިދިކޮޅުގެ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގެންދެވީ ހަގީގަތާ ޚިލާފު ވާހަކަދައްކަވަމުންނެވެ. އެކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އެ ޖަލްސާ ހިނގަމުންދިޔަ ވަގުތު އެމްޑީޕީގެ އެހެން ޖަގަހައެއްގައި ހަމަ އެ ޕާޓީގެ އިސް ސަފުން ފެންނަ ބައެއް މެމްބަރުން ތިއްބެވި ކަމަށެވެ. މެމްބަރު އެ ފާހަގަކުރެއްވި ގޮތަށް ނަޝީދުއާއި އެމަނިކުފާނަށް ވަފާތެރި ބޭފުޅުން އަލުން އެ ޕާާޓީއާ ގުޅޭތީ ދެ ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވެފަ އެވެ.
"ޖަލްސާ ތައްޔާރުކުރީ ޑިމޮކްރެޓެސް މީހުން. ޖަލްސާ ކުރިއަށް ދިޔައިރުގައި އެމްޑީޕީ ޖަގަހައިގައި އެމްޑީޕީގެ ހަމަ އެ ތިބޭ މީހުން ތިބީ. އަޅުގަނޑުމެން ގޭ ކައިރީގައި އެ ޖަގަހަ އިންނާނީ. މި ބޭފުޅުން ގަބޫލުކުރައްވާނެ، ހަގީގަތުގައި މި ގައުމު ހަމައަކަށް ނޭޅިގެން މިއުޅެނީ އެމްޑީޕީގެ ބޭފުޅުން މަސައްކަތްކުރާ ގޮތުން އިއްޒަތްތެރި ރައީސް." ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މައްސަލައަކީ އެ ޕާޓީގެ ލީޑާޝިޕެވެ. އާއްމު މެމްބަރުންނެއް ނޫނެވެ.
"މައްސަލަ މިއުޅެނީ ކޮންމެ ޕާޓީއެއްގައި ވެސް ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ މައްސަލަ. އަޅުގަނޑުމެން ވެސް ކުރިން ޕާޓީއެއްގައި ތިބިން. އޭރުގައި އެ ޕާޓީގެ ލީޑަރަކަށް ހުރީ ޔާމީން." ފަލާހު ވިދާޅުވިި އެވެ.
އެވަގުތު ކޮންމެވެސް މެމްބަރަކު އެއީ "ވަގެއް" ކަމަށް ވިދާޅުވާ އަޑު ޖަލްސާގެ އޯޑިއޯ އިން އިވެ އެވެ. އެކަމަށް އިޝާރާތްކުރައްވަމުން ފަލާހު ވިދާޅުވީ އެ "ވިދާޅުވީ ރަނގަޅަށް، ވަގެއް އެއީ" ކަމަށެވެ. ހަމަ އެގޮތަށް އެމްޑީޕީގެ ލީޑާޝިޕްގައި ވެސް ވައްކަން ނުކުރާ އެކަކު ވެސް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޭފުޅުންނަށް ފަހަރެއްގައި އެއްޗެއް ނުލިބިދާނެ (20 ވަނަ މަޖިލީހުގެ އެމްޑީޕީ މެމްބަރުން) މައުރޫފް (ކެންދޫ ދާއިރާގެ މެމްބަރު) މެންނަށް އެއްޗެއް ނުލިބި ހުރެދާނެ. އެކަމަކު ނޫސްތަކުން މިއަދުވެސް އެހެރީ ދައުލަތުގެ ބަޖެޓުން މިދިޔަ ފަސް އަހަރު 800 މިލިއަން ރުފިޔާ ނުހައްގު ގޮތުގައި އަނބުރާ ދައްކައެއް ނޫން، ބަަދަލުގެ ގޮތުގައޭ ކިޔާފަ 800 މިލިއަން ރުފިޔާ ދީފައި އެބަހުއްޓޭ ދައުލަތުގެ ބަޖެޓުން. އެމްޑީޕީގެ ވެރިކަމުގައި. އެހެންމަ ހަގީގަތުގައި އެމްޑީޕީން މިއޮތީ މިދިޔަ ފަސް އަހަރު މުޅި ގައުމު ދަރުވާލާފަ" ފަލާހު ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދުކުރައްވާ އެހެން މެމްބަރުންނެކޭ އެއްގޮތަށް ފަލާހު ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ގައުމު ވައްޓާލި އިގްތިސޯދީ އަނދަވަޅުގެ ވާހަކަ އެވެ. މެމްބަރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ވެރިކަން އެހެން ބަޔަކަށް ދޭން ރައްޔިތުން ނިންމި ނިންމުމަމީ "ހަމަ ނަސީބެކެވެ".