ENGLISH

02 ޖުލައި 2025

Advertisement

ޙާފިޡުންގެ އެލަވަންސް ބޮޑުކުރުން: ޤުރުއާން ހިތުދަސްކުރުމަށް ރައީސް އެ ދެއްވީ ބޮޑު ހިތްވަރެއް

25 ޖޫން 2025

|

އިސްމާއީލް ރާތިއު

ޙާފިޡުންގެ ދަސްވެނިވުމުގައި ރައީސް ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ، ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު، ތަފާތު ގިނަ ދާއިރާތަކަކުން، ތަފާތު ގިނަ ވަޢުދުފުޅުތަކަކާ އެކުއެވެ. ތަޢުލީމީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި، ޞިއްޙީ ދާއިރާއިންނެވެ. އަދި ވަކީން ޚާއްޞަކޮށް، ދީނީ ދާއިރާއިންނެވެ. ދިވެހީންގެ ދީން ކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް އެތައް ގިނަ ޚިދުމަތްތަކެއް ކުރެއްވުމަށް، ކެމްޕެއިން ދުވަސްވަރު، އެ މަނިކުފާނު ވަޢުދުވެވަޑައިގަތެވެ.

މީގެ ތެރެއިންވެސް ގިނަ ވަޢުދުފުޅުތަކެއް އަމާޒުވެގެންދިޔައީ، ޒުވާނުންނަށެވެ. ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު އިތުރު ކުރުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވުމަށް، ރިޔާސީ ކެމްޕެއިންގެ ތެރެއިން ޑރ. މުޢިއްޒު ވަޢުދުވެވަޑައިގަތެވެ. އެގޮތުން، 26 އޮކްޓޫބަރު 2023 ވަނަ ދުވަހު، ފުވައްމުލަކު ސިޓީގައި އޮތް އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ދިވެހި ޙާފިޡުންނަށާއި، ޤުރުއާން ޙިފްޡުކުރަމުންދާ ފަރާތްތަކުގެ އިތުރުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދިޔައީ އުފާވެރި ޚަބަރެކެވެ. ޙާފިޡުންގެ އަގު، ސަރުކާރުން ވަޒަންކުރާ މިންވަރު މާ ކުޑަ ކަމަށް އެ މަނިކުފާނަށް ފެނިވަޑަގަންނަވާ ކަމަށާއި، އެ މަނިކުފާނުގެ ވެރިކަމެއްގައި މިހާރަށްވުރެ އެތައް ތަނެއް އިތުރަށް ޙާފިޡުންގެ އަގުވަޒަންކުރެވިގެންދާނެ ކަމަށް އެދުވަހު އެމަނިކުފާނު ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަދައްކަވަމުން، ވަކީން ޚާއްޞަކޮށް، ޤުރްއާން ޙިފްޡުކުރަމުންދާ ފަރާތްތަކާއި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ގެނުވައިދިން ވާހަކައެއް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ޙާފިޡުންނަށް، ސަރުކާރުންދޭ އެލަވެންސް މާ ކުޑަ ކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި، އެ މަނިކުފާނުގެ ވެރިކަމުގައި މި އެލަވަންސް ބޮޑުކުރައްވާނެ ކަމުގެ ވާހަކައެވެ.

"އެހެންވީމާ، ޙާފިޡުންނަށް ސަރުކާރުންދޭ އެލަވަންސްއަކީ މިހާރަށްވުރެ ބޮޑުވާންޖެހޭ އެއްޗެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށް، ޤައުމުގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބުކުރައްވާ އެ މަނިކުފާނު ދެއްވި ފުރަތަމަ ޚިޠާބުގައިވެސް ޒުވާނުންގެ ހިތްތަކުގައި ދީނަށް ލޯބި އުފެއްދެވުމަށް އެ މަނިކުފާނު ދެއްވާނެ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައި ވެއެވެ.

"ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުވާން އަޅުގަނޑު ބޭނުން. އުފެދެމުން އަންނަ ޖީލުތަކަކީ، މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، މާތް އަޚްލާޤެއްގެ ވެރި ބަޔަކަށް ވެފައިވާތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. އެހެންކަމުން މާތްވެގެންވާ އިސްލާމްދީނަށް، ދިވެހިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތް ކުރާނަން." ރައީސް، ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ނޫސްތަކުގެ ފަލަ ސުރުޚީން އިއްޔެ ވިދާލި ޚަބަރަކީ، މިކަން ޙަޤީޤަތަކަށް ވެގެންދިޔުމުގެ އުފާވެރި ޚަބަރެވެ. ޙާފިޡުންނަށް ދެމުން އަންނަ 2000 ރުފިޔާގެ އެލަވަންސް، 1 ޖުލައި 2025 ހުން ފެށިގެން 4000 ރުފިޔާއަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ފާސްކުރިކަމުގެ ތާރީޚީ ޚަބަރެވެ.

މިކަމަކީ، ކޮންމެ އަހަރަކު 100 ޙާފިޡުން އުފެއްދުމަށް، ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްކަން ކަށަވަރެވެ. މިއީ ރާއްޖޭގައި މީގެ ކުރިން ޙާފިޡުންގެ އަގުވަޒަންނުކުރެވޭ ވަރަށް، މި ސަރުކާރުގައި އެކަން ކުރާނެ ކަމަށް ޑރ. މުޢިއްޒު ވެވަޑައިގެން ވަޢުދު ފުއްދަވަމުން ގެންދަވާކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. ނަމަވެސް، މިހާހިސާބުން މި ވާހަކަ ހުއްޓާލައިފި ނަމަ، އެ މަނިކުފާނުގެ ސަރުކާރުން ޙާފިޡުންނަށް ދެމުންދާ ޤަދަރާއި މަޤާމުގެ ވާހަކަ ދައްކަން ފެށުނު ކަމަކަށްވެސް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ.

ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހި ޙާފިޡުންނަށް ތަފާތު އެކި ފުރުސަތުތައް ހޯދައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ މިކަން ޤަބޫލުކުރަން ބޭނުންނުވާ މީހަކަށްވެސް ފެންނާނެހައި ފާޅުކަންބޮޑު، ގިނަ މަސައްކަތްޕުޅުތަކެކެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ދެ ތިން ކަމަކަށް ބަލާލާނަމެވެ.

ފުރަތަމަ ކަމަކީ، މި ހުސްވާ ހިޖުރީ އަހަރުގެ ރަމަޟާން މަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުން ތަރާވީޙް ނަމާދުގައި އިވިގެންދިޔަ ޒުވާން، ދިވެހި އަޑުތަކެވެ. އަހާލަން ފަސޭހަ، އެހާމެ ހިތްގައިމު ދިވެހި ކިޔެވުންތަކެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި ނުހަނު ޗާލުކޮށް ކިޔަވާ ޙާފިޡުން ތިއްބައި، މީގެ ކުރިން މުޅިންވެސް ބޭރު ޤައުމުތަކުން، ވަކީން ޚާއްޞަކޮށް ޕާކިސްތާނުން ޙާފިޡުން ގެނެސްގެން ކުރަމުންދިޔަ ތަރާވީޙް ނަމާދު ކުރުމުގެ ފުރުޞަތު، ދިވެހި ގިނަ ޙާފިޡުން ތަކަކަށް ލިބިގެން ދިއުމެވެ. ވަކީން ޚާއްޞަކޮށް، މާލޭގެ އެންމެ ބޮޑު ދެ މިސްކިތް ކަމަށްވާ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަދި މަސްޖިދު މަލިކި ސަލްމާނުންވެސް އިވިގެންދިޔަ ހިތްގައިމު ޒުވާން އަޑުތަކެވެ. މިކަން އިޢުލާނުކުރި ހިސާބުންވެސް ރީތި ކިޔެވުންތަކަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ކަމަކަށް މިކަން ވެގެން ދިޔައެވެ.

ދެވަނަ ކަމަކަށް ފެނިގެންދިޔައީ، މިހާތަނަށް ދިވެހިރާއްޖޭގައި ފެންނާނެ ކަމަށް މީހަކު ހިތަށްވެސް އެރި މަންޒަރެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ރެއެއްގައި 1000 މައްސަރުގެ ޘަވާބާއި ދަރުމަ އެކުލެވިގެންވާ ލައިލަތުލް ޤަދްރި، އެ ރެއެއްގައި އެކުލެވިގެންވާ ކަމަށް ވިދާޅުވެ، ގިނަ ޢަދަދެއްގެ ޢިލްމުވެރިން ވާހަކަދައްކަވާފައިވާ ރޭ ކަމަށްވާ، ރަމަޟާން މަހުގެ 27 ވިލޭރޭގައި ޙާފިޡުންގެ ދަސްވެނިވުމެއް ބޭއްވިގެންދިޔަ މަންޒަރެވެ. އަދި ކޮންމެ އަހަރަކުވެސް މި ޙަފްލާ ބޭއްވިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ލިބިގެންދިޔައެވެ. މި އަހަރުގެ ޙަފްލާގައި ފުރިހަމަ ޝަރަފާއެކު 22 ޙާފިޡުން ދަސްވެނިވެފައި ވެއެވެ.

ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

އެންމެ ފަހު ކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ، ވަކިން ޚާއްޞަކޮށް ޒުވާން ޙާފިޡުންނާއި ބައްދަލުކުރައްވާ، އެ ފަރާތްތަކަށް ހިތްވަރު ދެއްވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަހައްޓަވާ ފަރުވާތެރިކަމެވެ. ޙިފްޡު ޓެސްޓުން ފާސްވާ ޒުވާން މޫނުތަކާއެކު ވަޒީރު ވަގުތުހޭދަކުރައްވާތަން، އެ މަނިކުފާނުގެ މީސްމީޑިއާގައި ހިއްސާ ނުކުރައްވާ މަހެއް މަދުވާނެއެވެ.

ޑރ. ޝަހީމް، ޒުވާން ހާފިޡަކާއި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

އަދުގެ ސަރުކާރުން ޙާފިޡުންނާއި މެދުގައި ބަހައްޓަވަމުން ގެންދަވާ ޚާއްޞިއްޔަތަކީ އެކަމާ ދެކޮޅު ނުހެދޭނެ ކަމެކެވެ. މިކަންކަން ފެނި، ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤު، އެތައް ދިވެހި ހިތެއްގައި އުފެދޭނެ ކަމާމެދު ޝައްކެއް ނެތެވެ. މިކަމުގެ ޝައުޤު އުފެދިފައިވާ ހުރިހާ ހިތްތަކަށް، ޤުރްއާނުގެ ނޫރުން އުޖާލާކަން ދެއްވާ، ޤުރްއާން އެ ހިތްތަކަށް ނަގައިގަތުން ފަސޭހަކޮށްދެއްވާށި. އާމީން.

ކިޔުންތެރިންގެ ހިޔާލު