ENGLISH
02 ޖުލައި 2025
ބިދޭސީންގެ މައްސަލަ ހައްލުކުރަން އަހަރުގެ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން އައްޑޫގައި ފަށައިފި
25 ޖޫން 2025
|
އައްޑޫގައި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަނުގައި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް އޮޕަރޭޝަން އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިއަދު އައްޑޫގައި ފެށީ "އޮޕަރޭޝަން ހަމަމަގު" ކަމަށެވެ.
އިމިގްރޭޝަންގެ ބަޔާނުގައި ބުނީ، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށެވެ.
އައްޑޫގައި މިއަދު ފެށި "އޮޕަރޭޝަން ހަމަމަގު". މިއީ އެ އިދާރާއިން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ރެއިޑް އޮޕަރޭޝަން. ފޮޓޯ: އިމިގްރޭޝަން
ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވައެވެ. އަދި 35 އިމިގްރޭޝަން އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި، ޤަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެންދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، އެ އިދާރާގެ މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙަލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމެވެ. އެ މަސައްކަތުގެ ތެރެއިން ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އައްޑޫގައި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް 7549 ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.
ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް 151،694 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ވަނީ ނަގައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ.