ENGLISH

02 ޖުލައި 2025

Advertisement

މެމްބަރު ޙުސެއިން ހަނދާންކޮށްދެއްވީ އެމްޑީޕީ ސަރުކާރުން ހެދި ގޯސްތައް

25 ޖޫން 2025

|

އުމްނާ އިސްމާޢީލް

ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެއިންބެ) (ފޮޓޯ/ މަޖިލީސް)

ކުރީގެ ސަރުކާރުން ހެދި ހުރިހާ ގޯހެއް ރަނގަޅުކުރުމަށް ހިނގަމުންދާ 20 ވަނަ މަޖިލީހާއި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) ވިދާޅުވެއްޖެ އެވެ. އެފަދައިން ވިދާޅުވެ، މެމްބަރު ވަނީ ކުރީ ސަރުކާރުން ހެދި ހުރިހާ ގޯހެއް ވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ. 

ހުސެއިންބެ މިގޮތަށް ވާހަކަދެއްކެވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ގެންދަވާއިރު، އިދިކޮޅު ބައެއް މެމްބަރުން މި ސަރުކާރާ އަޅާކިޔާ ވާހަކަދައްކަވަމުން ގެންދަވާތީ އެވެ.

އެގޮތުން މެމްބަރު ހުސެއިން ވިދާޅުވީ އެކި އިސްލާހުތަކާއި ގުޅިގެން އިދިކޮޅު އެމްޑީޕީ މެމްބަރުން މި ސަރުކާރަށް ފާޑުވިދާޅުވާއިރު "ހީވަނީ ކުރިން ކަންތައް ކޮށްފަ ދިޔަ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފަ ހުއްޓާ މި ސަރުކާރު އައިސްގެން ހުރިހާ ކަމެއް ގޯސްކޮށްލައިގެން ނިންމާލައިގެން އުޅޭހެން" ކަމަށެވެ. ހުސެއިން ވިދާޅުވީ މި ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާނަމަ، މި ހާލަތަށް ގައުމު ދިޔައީ 19 ވަނަ މަޖިލީހާއި ކުރީ ސަރުކާރުން ހެދި ގޯސްތަކުގެ ސަބަބުންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

މިކަމަށް ބާރުދެއްވުމުގެ ގޮތުން އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ، އިއްޔެ ޚަބަރުތަކުގެ ސުރުހީއަށް އެރި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2023 ގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ދިން މައްސަލަ އެވެ. މި މައްސަލައިގައި އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި ދައުލަތުގެ ފައިސާ ނާޖާއިޒް ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދީފަ އެވެ.

"މިނިވަން މުސްތަގިއްލު އޮޑިޓަރަކުން ކަމެއް ބަލައި އެކަމަކީ ގޯސްކަމެއް ކަމަށް ބުނީމަ އެހެންވީމަ މި ސަރުކާރުން މިއައީ ހަދާފަ ހުރިހާ ހަޑިތައް ރަނގަޅުކުރަންވެގެން. އެކަން އެކުރަނީ އަދުގެ ސަރުކާރުން. މިއަދު ގެންނަ ބިލު މާދަމާ ވެެސް އިސްލާހުކުރަން ބަލާއިރު އަޅުގަނޑުމެންގެ ހުރިހާ ދިމާލަކުން އޮތީ ހުސް ލޯވަޅުތައް އެޅިފަ. އެހެންވީމާ އިސްލާހުކުރަން ގެންނަން އެބަޖެހޭ. އާދެ ކަމެއް ނުވެ ދިޔައީ.. ދަރަނި އިންތިހާއަށް ދިޔައީ." ހުސެއިން ވިދާޅުވި އެވެ.

މިހެން ވިދާޅުވުމަށްފަހު މެމްބަރު ފާހަގަކުރެއްވީ، ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނީގެ ތެރެއިން މި ސަރުކާރުން 5 ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމެވެ. މެމްބަރު ވިދާޅުވި ގޮތަަށް ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ޖުމްލަ ހަރަދު ފަސް ބިލިއަނަށް އަރަ އެވެ.

މި އަހަރު ލޯނު ދެއްކުމަށް ތިން ބިލިއަން ރުފިޔާ އަދި އިންޓަރެސްޓު ދެއްކުމާއި ފައިނޭންސިން ހަރަދުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެއާއެކު ދަރަނި އަދާކުރުމުގެ ޖުމްލަ ހަރަދު ފަސް ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދުތައް ބޮޑުވި ނަމަވެސް މާލީ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ޖުމްލަ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ދަރަނިވެރިވެފައެއްނުވެއެވެ.

"އަދުގެ ސަރުކާރު އައިއިރު މުޅި ގައުމު މިއޮތީ ފުނޑިފަ. އެހެންވީމަ ތިބުނާ 19 ވަނަ މަޖިލީހާ އެއްކޮށް ނިމިިދިޔަ ސަރުކަރުން އެވަރުގެ ރަނގަޅު ތަނަވަސްކަމަކާ އަރަނިވެރި ގައުމަކާ އަރަނިވެރި ބަޖެޓަކާ އަޅުގަނޑުމެންގެ އަތްތަކުގައި އެ ހުރިހާ ފައިސާއާ އެއްޗެހި ހުރިނަމަ މިއަދު މިތާގަ އަޅުގަނޑުމެން ތިބެގެން މިިވާހަކައެއް ނުދައްކާނެ. ގައުމު އޮތީ ހުރިހާ ދިމާލަކުން ލޫޓުވާލާފަ. ގައުމު އޮތީ ހުރިހާ ދިމާލަކުން ފުނޑާލާފަ. ގައުމުގެ އިޖްތިމާއީ ފޭރާން އޮތީ ލޫޓުވާލާފަ. ގައުމުގެއިގްތިސޯދު އޮތޫ ލޫޓުވާލާފަ، ގައުމުގަ ނެތް ނުދަރާ އެއްވެސް ދިމާލެއް. " މެމްބަރު ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ، ގައުމުގެ ހާލަތު އެ ދަރަޖައަށް ވައްޓާލާފައި އޮތުމުން، އެކަންކަން އިސްލާހުކުރުމަށް މިއަދުން މިއަދަށް ވެސް ގާނޫނުތަކަށް  ގެންނަންޖެހޭ އިސްލާހުތައް ގެންނަން ހިނގަމުންދާ 20 ވަނަ މަޖިލީސް އޮތީ "ރުކުރުވާލާފައި" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު