ENGLISH

02 ޖުލައި 2025

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަނީ

24 ޖޫން 2025

|

އަޙުމަދު ޙަމީދު

ހާފިޒުކަމުގެ ތާޖު ލިބުނު ކުއްޖަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

‏ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެކަން ހާމަ ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

‏އަދި ވިދާޅުވީ ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

ޙާފިޒުން އުފެއްދުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރު 24 ފަރާތަކުން ވަނީ ކީރިތި ޤުރުއާން ހިތުންދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ހާސިލު ކުރައްވާފަ އެވެ. މިއީ އަހަރެއް ތެރޭ އެންމެ ގިނަ ބަޔަކު ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ.

މީގެ އިތުރުން ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް މި އަހަރުން ފެށިގެން ބާއްވަން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ރަސްމިއްޔާތު ބޭއްވީ ރަމަޟާން މަހުގެ 27 ވިލޭރެ އެވެ.

އަދި ޙާފިޒުން ދަސްވެނިވާއިރު ލާނެ ޚާއްސަ ތާކިހަލާއި ގައުނެއް ވަނީ ފަރުމާކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރެއްވުމެވެ. އަދި ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުމަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު