ENGLISH
02 ޖުލައި 2025
ހަތަރުވަރަކަށް މަސް ތެރޭ އައްޑޫ ކެތުލެބުގެ ޚިދުމަތްދޭން ފެށޭނެ: ވަޒީރު ނާޒިމް
24 ޖޫން 2025
|
ޞިއްޙަތާބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހީމް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކެތުލެބުގެ ޚިދުމަތް ހަތަރުވަރަކަށް މަސް ތެރޭގައި ދޭން ފަށާނެ ކަމަށް، ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ހިތަދޫ ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަޒާންގެ ސުވާލުގައި ވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކެތުލެބުގެ ޚިދުމަތް ދިނުން ނުފެށި ލަސްވަނީ ކީއްވެތޯ އާއި އެތަނުގެ ޚިދުމަތް ފެށޭނެ ތާރީޚެއް ސާފުކޮށްދެއްވުން އެދިވަޑައިގެންފައެވެ.
ހިތަދޫ ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ޖަވާބުގައި ވަޒީރު ވިދާޅުވެފައި ވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކެތުލެބް ޤާއިމްކުރުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީތައް އިންސްޓޯލްކުރުމުގެ މަސައްކަތާއި އެކަމާގުޅުންހުރި މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކެތުލެބް ފުރިހަމަ ގޮތުގައި ހިންގާ، އެތަން ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިޢުލާނުކުރެވިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯޒަލް ހޯދާ، އެފަރާތަށް ކެތުލެބް ހިންގުމުގެ ކަންކަން ޙަވާލުކޮށް، ހަތަރު މަހެއްހާ ދުވަސް ތެރޭ އެތަނުގައި ޚިދުމަތްދޭން ފެށޭވަރު ވާނެ ކަމަށެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރާ ކެތުލެބު، ފަސް އަހަރުގެ މުއްދަތަށް މެނޭޖްކޮށް ހިންގައިދޭނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން އިޢުލާނުކޮށްފައިވެއެވެ. އެގޮތުން މި ލެބު ހިންގަން ބޭނުންވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) މި މަހުގެ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފައިވެއެވެ.
އޭއީއެޗްގެ ކެތުލެބްގެ މަސައްކަތް ނިންމާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.