ENGLISH
02 ޖުލައި 2025
މާފަށް އެދުމެއް ނެތް، ނަޝީދުގެ ނުސީދާ ހަމަލާ އިބޫއަށް
24 ޖޫން 2025
|
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ޖަލްސާގައި ފާހަގަވި ދެ ކަމެއް އެެބަ އޮތެވެ. އެއްކަމަކީ ދެ އަހަރު ދުވަހަށްފަހު އެމްޑީޕީއާ ރައީސް ނަޝީދު އަލުން ގުޅިވަޑައިގެންނެވީ އޭގެ ކުރިން އެމަނިކުފާނު އެހެން ޕާޓީއެއް ހައްދަވައިގެން އެމްޑީޕީއަށާއި އެ ޕާޓީގެ އޭރުގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު އެވެ.
ނިމިދިޔަ ރިޔާސީ ދައުރުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް ސޯލިހަކީ މިއަދު އެމްޑީޕީގެ އެޑްވައިޒަރެވެ. އަލުން އެމްޑީޕީއަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަޑައިގެންނެވުމުން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ފަރާތްޕުޅުން ފާހަގަވި ކަމަކީ ޕާޓީގެ އާއްމު މެމްބަރުންގެ ކިބައިންވެސް އަދި އިސް ބޭފުޅުންގެ ކިބައިންވެސް މާފަށް އެދިވަޑައިނުގެންނެވި ކަމެވެ. ނަޝީދު ޕާޓީގެ އާއްމު މެންބަރުންގެ ކިބައިން މާފަށް އެދިވަޑައިނުގެންނެވުން އެއީ މައްސަލައެއް ކަމަށް ޕާޓީގެ އާއްމު މެމްބަރުން ދެކޭ ވަރަށް ބޮޑު ސަބަބެއް އެބަ އޮތެވެ. ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައިވުމެވެ.
"އަޅުގަނޑު ދަންނަވަން ބޭނުން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް، ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން.ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ދަ ޑިމޮކްރޮޓިކް އުފައްދަވައިގެން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ.
އާ ޕާޓީއެއް އުފައްދެވުމަށްފަހު، އެމްޑީޕީ ބައިބައިކޮށް އެ ޕާޓީ ރޫޅާލަން ވައުދުވެވަޑައިގެން ކުރެއްވި މަސައްކަތައްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިންގެންނެވިއިރު އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އެކަމު މުޅި ޕާޓީ ރޫޅާލަން ކުރެއްވި މަސައްކަތައް ނަޝީދު މާފަށް އެދެން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލެއް ނުކުރެއްވިއެވެ.
އަނެއް ކަމަކީ މި ޖަލްސާގައި ވެސް ނަޝީދު އެންމެ ބޮޑަށް ކަންބޮޑުވުމެއްގެ ގޮތުގައި ދެއްކެވީ ދައުލަތުގެ ދަރަނީގެ ވާހަަކަ އެވެ. އެއީ މި ސަރުކާރުން ވެސް ދައްކާ ވާހަކަ އެވެެ. ކުރީ ސަރުކާރުން ނެގި ލޯނުތަކާހެދި ދައުލަތުގެ މާލިއްޔަތައް ވެފައިވާ ގޮތުގެ ވާހަކައަކީ ނަޝީދު ދެއްކެވި އާ ވާހަކަފުޅެއް ނޫނެވެ. އެމްޑީޕީ ސަރުކާރުގައި ނަގަމުންދިޔަ ލޯނުތަކާއެކު ދައުލަތުން ދައްކަން ޖެހޭނެ ފައިސާގެ އަދަދާއި އޭގެ ކަންބޮޑުވުންތަކުގެ ވާހަކައަކީ ރައީސް ސޯލިހާ ދެކޮޅަށް ނަޝީދު އެންމެ ބޮޑަށް ދެއްކެވި ވާހަކަ އެވެ. އެމްޑީޕީއަށް އަލުން ވަޑައިގެން ދައުލަތުގެ ދަރަނީގެ ވާހަކަ ހަނދާންކޮށްދީ ބުނެދިނުމަކީ ސިޔާސީ ޕާޓީން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވީ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ނެގި ލޯނުތަކާއެކު ދައުލަތުން ދައްކަން ޖެހޭ ފައިސާތަކުގެ ވާހަކަ އެވެ.
ރައީސް ސޯލިހާއި އެމްޑީޕީގެ ނަން ނުގަނެ ދެއްކެވި އެެ ވާހަކައަކީ ރައީސް ސޯލިހަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއްކަން ކަށަވަރުވާ ވަރަށް އެ ވާހަކަ ތިލަ ކުރެއްވި އެވެ. އެންމެ ސާފުވާކަމަކީ ނަޝީދު އެެ ވިދާޅުވި ދަރަންޏަކީ މި ސަރުކާރާ ގުޅޭ އެއްޗަކަށް ނުވުމެވެ. އެހެން ކަމުން އެ ނިސްބަތްވަނީ ނަޝީދު އެމްޑީޕީން ބޭރުގައި ހުންނަވައިގެން ވިދާޅުވެފައިވާ ގޮތައް ރައީސް ސޯލިހްގެ ސަރުކާރާ އެވެ.
"ދެހާސް ވިހީގައިވެސް އަޅުގަނޑުމެނަށް ސަލާމަތްވެވެން އޮއްވާ މި ސްކޫކް ބޮންޑެއް ވިއްކައިގެން އަޅުގަނޑުމެން މި ތިބީ ދަރަނިވެރިވެފައި،" ނަޝީދު އުފެއްދެއްވި ދަ ޑިމޮކްރޮޓިކް ޕާޓީގެ ޖަަލްސާގައި 2023 ވަނަ އަހަރު ވިދާޅުޗވި އެވެ.
ނަޝީދު މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި ވެސް ވަނީ ދަރަނީގެ މައްސަލައިގައި އޭރުގެ ރައީސް ސޯލިހަށް އެކަން ހަނދާންކޮށްދެއްވި ކަމަށްވެސް ވިދާޅުވެފަ އެވެ.
"ދެހާސް ނަވާރަ ވަނަ އަހަރުންފެށިގެން ހަފްތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ، ރައީސް އޭ ދަރަނި، ދަރަނި، ދަރަނި. ދަރަންޏަށްވާ ގޮތް ނުބަލާ، އަޅުގަނޑު ބުނީތީވެ އަލުން ދަރަނި އަލުން އެކުލަވާނުލާ މިދިޔައީ 2023 ވަނަ އަހަރު. އެހެންވީމަ މި އޮތީ ދަރަނި އަނބުރާ ދެއްކުމުގެ ދަތި އަޅުގަނޑުމެންނާ ދިމާވެފައި. އެކަމުން އަރައިގަތުމަށްޓަކައި ޓެކްސް ބޮޑުކުރާން ޖެހިފައި. ޓެކްސް ބޮޑުކުރީތީވެ ތަކެތީގެ އަގު ބޮޑުވެ އަނެއްކާވެސް ހާސްކަމުގެ ތެރެއަށް ދާން ޖެހިފައި، "
ރޭގެ ޖަލްސާގައި ވެސް ނަޝީދު ސީދާ ދެއްކެވީ މި ވާހަކަތަކެވެ. ތަކެތީގެ އަގު ބޮޑުވަމުންދާ ވާހަކަ އާ ދަރަނި ދައްކަން އުނދަގޫ ވާހަކައެވެ. އެއީ ނަޝީދުގެ އެ ވާހަކަފުޅަކީ މީގެ ކުރިން ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ސަަބަބެއް ކަމަށް ވެސް ދެއްކެވި ވާހަކައެވެެ.
ނަޝީދު އާއި އެމަނިކުފާނުގެ ބައިވެރިން އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުންގެ މަގުސަދަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ސޯލިހް ފެއިލްކޮށްލުން ކަމަށް އެ ޕާޓީން ތެރޭން ބައެއް މީހުން ގަބޫލުކުރެ އެވެ. މި ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވަޑައިނުގެންނެވީ އެކަން އެމަނިކުފާނަށްވެސް އެނގިވަަޑައިގަންނަވާތީ ކަމަށްވެ އެވެ.