ENGLISH
02 ޖުލައި 2025
އެމްޑީޕީއަކީ ޔަހޫދީ ބާރުތަކާއެކު ގުޅުން އުފެއްދިކަމަށް އަމިއްލައަށް އިޢުތިރާފުވެފައިވާ ބައެއް: އިބްރާހީމް މުޙައްމަދު
24 ޖޫން 2025
|
މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު، މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
އެމްޑީޕީއަކީ، އެމީހުން ވެރިކަމަށް އައުމުގެ ކުރިންވެސް ޔަހޫދީ ބާރުތަކާއެކު ގުޅުން އުފެއްދިކަމަށް އަމިއްލައަށް އިޢުތިރާފުވެފައިވާ ބައެއް ކަމަށް، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް މިއަދު ހުށަހަޅެފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، މި މައްސަލައަށް ވާހަކަދައްކަމުން ވަރަށް ގިނަ މެންބަރުން ތާރީޚުގެ ވާހަކަ ދައްކަވަމުން ގެންދަވާކަން ފާހަގަކުރެވޭ ކަމަށާއި، ނަމަވެސް އެބޭފުޅުންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. ސަބަބެއްގެ ގޮތުން މެންބަރު ވަނީ، ރާއްޖެއާ ޞަޙްޔޫނީ އިޒްރޭލާ ގުޅުން ބަދަހިކޮށްފައިވަނީ އެމްޑީޕީން ކަމަށްވުމެވެ.
ޔަހޫދީ ބާރުތަކާއެކު ގުޅުން ބަދަހިކުރި ބޭފުޅުން އަލުން ސިޔާސީ މައިދާނަށް ވަންނަމުންދާކަމީ، މުސްލިމް ހުރިހާ ދަޢުލަތްތަކާއި، ވަކިން ޚާއްޞަކޮށް ދިވެހިރާއްޖެއަށް ނުރައްކާވެދާނެކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށް މެންބަރު ވިދާޅުވިއެވެ. މިފަދައިން ވިދާޅުވެ، މެންބަރު ވަނީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ އޯޑިއޯ ކްލިޕެއް މަޖިލީހަށް އިއްވާފައެވެ.
"މާލެއިން ފުރުން ކީއްކުރަންތޯ، އަޅުގަނޑުމެން އިންތިޚާބަށް ކުރިމަތިލުމުގެ ކުރީގަ ނިންމިފަ އޮތް ނިންމުމެއް، ޢާންމުކޮށް ޑިމޮކްރަސީއެއްގަ މި އޮންނަނީ، މެނިފެސްޓޯއެއްގަ ލިޔަންޖެހޭ ޚާރިޖީ ސިޔާސަތު އޮންނާނެ ގޮތަ. އެހެންމަ އެއީ ތިބޭފުޅުންނަށް އެއްގޮތަކަށްވެސް (އަޅުގަނޑުމެންގެ) ޚާރިޖީ ސިޔާސަތު އޮޅިފަކާއެއް ނޯންނާނެ. ޢަރަބި ޤައުމުތަކާ، ބޮޑެތި ޢަރަބި ޤައުމުތަކާ އަޅުގަނޑުމެން މަޝްވަރާކޮށް، ވާހަކަދައްކާ ހެދިން..." އެ ކްލިޕުގައި ނަޝީދު ބުނެފައިވެއެވެ.
މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވީ، ރާއްޖެއާއި އިޒްރޭލާ ގުޅުން ބަދަހިކުރަން ފެށުނު ހިސާބަކީ މިއީ ކަމަށެވެ.
މެންބަރު ވިދާޅުވީ، މަޖިލީހަށް ޤަރާރެއް ހުށަހަޅާއިރު އޭގެ ނިޔަތް ވަރަށް ސާފުވާން ޖެހޭނެ ކަމަށާއި އޭގެ ފަހަތުގައި ސިޔާސީ މަންފާއެއް ފޮރުވިފައި އޮވެގެން ނުވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި، މަޖިލީހަށް ހުށަހަޅާ ޤަރާރުތައް ވާންޖެހޭނީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހުށަހެޅޭ ޤަރާރުތަކަކަށް ކަމަށެވެ.
"މިއީ، އިޒްރޭލާ ގުޅުން ބަދަހުކުރަން ފެށުނު ހިސާބަކީ، އެމްޑީޕީގެ ވެރިކަމާ ހިސާބުން. އެހެންވީމަ، އަޅުގަނޑު ހަމަ ހަނދާންކޮށްދޭން ބޭނުންވަނީ ޤަރާރެއް ލާއިރުގަ، އޭގެ ނިޔަތް ވަރަށް ސާފުވާންޖެހޭނެ. އެއީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ. އެއީ ހަމަ ޙަޤީޤަތުގަވެސް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކާ ކުރެވިގެންދާނެ ކަމަކަށް ވާންޖެހޭނެ." މެންބަރު ވިދާޅުވިއެވެ.
އިޒްރޭލު ރައްޔިތުންނަށް ރާއްޖެ އެތެރެ ނުވެވޭގޮތް ހަދާ އިޒްރޭލު ޕާސްޕޯޓު މަނާކުރި ކުރުމަށް ޢިޝާރާތްކުރައްވާ، މެންބަރު ވިދާޅުވީ މިކަމަކީ އެއްވެސް ޙާލެއްގައި ޞަޙްޔޫނީ ބާރުތަކާ ގުޅުންހުރި، އެމީހުންނަށް ތާޢީދުކުރާ ބަޔަކު ކުރި ކަމެއް ނޫންކަމަށާއި މިކަމަކީ ޙަޤީޤަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ ސަރުކާރުން އިސްނަގައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.
"ޔަހޫދީންގެ ޕާސްޕޯޓު ދިވެހިރާއްޖެއަށް މަނާކުރެވިގެންދިޔަ ދިޔުމަކީ، ޙަޤީޤަތުގަ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން އިސްނަގައިގެން ކުރި ކަމެއް، ފަހަރެއްގައިވެސް އެއީ އިދިކޮޅު، މި ދެންނެވި ޞަޙްޔޫނީ ބާރުތަކާ ގުޅުންހުރި، ނުވަތަ އެމީހުންނަށް ތާޢީދުކުރާ މީހުން ކުރި ކަމެއް ނޫންކަމުގަ ދަންނަވާލަން ބޭނުން." މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ޙާލަތަށް އިޝާރާތްކުރައްވާ، މެންބަރު ވިދާޅުވީ މެދުއިރުމަތީގެ ޙާލަތު ގޯސްވެ، އެ ސަރަހައްދުގެ ތެޔޮ އުފައްދާ ތަންތަނަށް ނުރައްކާވުމަކީ ވަރަށް ކައިރީގައިވާ ކަމެއް ކަމަށެވެ. އަދި އެކަން އެހެން ވެއްޖެނަމަ ރާއްޖޭގެ ޙާލަތު ކޮވިޑުގެ ޙާލަތަށްވުރެ ނުރައްކާތެރި ވެދާނެކަންވެސް، މެންބަރު ފާހަގަކުރައްވާފައި ވެއެވެ. އަދި، އޭރުން ސަރުކާރުން ޚާއްޞަ ޤަވާޢިދުތަކެއް ހަދާ، ޤާނޫނުތަކެއް އުފައްދަން ޖެހޭނެކަމަށެވެ. މީގެ އިތުރަށްވެސް ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންކަން ހުންނާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މިގޮތުން، ރައްޔިތުންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މި މަހު އެކަނިވެސް 5 ބިލިޔަނަށްވުރެ ބޮޑު ޢަދަދެއްގެ ދަރަނި ދައްކާ، 1.3 ބިލިއަން އަރަނިކޮށްފައިވާކަން ފާހަގަކުރައްވާ، މެންބަރު އިބްރާހީމް މުޙައްމަދު ވަނީ ރައީސްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުއަދާކުރައްވާފައެވެ.