ENGLISH
24 ޖޫން 2025
އެމްޑީޕީގެ ނާއިބު ރައީސް ހިސާން ހުންނަވަން ޖެހިވަޑައިގަތީ ކޮޅަށް، ފުރަތަމަ ރޭ މައްސަލަ ގޯސްވެއްޖެ
23 ޖޫން 2025
|
ހިސާން ހުސައިން މިރޭގެ ޖަލްސާގައި ކޮޅަށް --
މިރޭ އޮތް ޖަލްސާގައި ދަ ޑިމޮކްރެޓްސް އިން ވަޑަައިގެންނެވި ބޭފުޅުން ސިޓިން އެރޭޖްމަންޓް އޮޅުވާލުމުން އެމްޑީޕީގެ ނާއިބު ރައީސް ހިސާން ހުސައިން ކޮޅަން ހުންނަވަން ޖެހިވަޑައިގެން މައްސަލަ ގޯސްވެއްޖެ އެވެ.
މިރޭ ސަލްޓަން ޕާކުގައި އޮތީ އެމްޑީޕީ ރޫޅާލަން އުފެއްދި ދަ ޑިމޮކްރެޓްސް ރޫޅާލުމަށް ފަހު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރީން އަލުން އެމްޑީޕީއާ ގުޅުމެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސްގެ މާގިނަ ބަޔަކު މިރޭގެ ޖަލްސާގައި ބައިވެރިވެފައެއް ނުވެ އެވެ. އެމްޑީޕީގެ އިސް އޮފިޝަލު ވިދާޅުވީ މިރޭގެ ޖަލްސާގެ ރޫހު ގެއްލުނީ ނަޝީދުގެ ސަޕޯޓަރުން އަމަލު ކުރަން ރޭވި ގޮތުން ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އިން އެމްޑީީޕީއާ އަލުން ގުޅުނު ބައެއް އިސް ބޭފުޅުން ޖަލްސާގެ ސިޓިން އެރޭޖްމަންޓަށް ވެސް އިހްތިރާމް ނުުކުރި ކަމަށެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ނާއިބު ރައީސް ހިސާން ހުސައިން ކޮޅަން ހުންނަވަން ޖެހިވަޑައިގެން ކަމަށެވެ.
"މި މައްސަލަ އޮތީ ގޯސްވެފައި. މިއީ ފުރަތަމަ ރޭ އަދި އެ ބޭފުޅުން ވަޑައިގެން. ދެން ވިސްނަވާ މި ޕާޓީ އިތުރަށް ހަލާކުކޮށްލާނެ ވަރު," ރައީސް ސޯލިހްގެ ވަރަށް އިސް ބޭފުޅަކު މިރޭ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ނަޝީދުގެ ސަޕޯޓަރުން މަަސައްކަތް ކުރީ ނަޝީދު ޕްރޮމޯޓް ކުރުމަށެވެ. އެހެން ކަމުން ޖަލްސާ ރާވާފައި އޮތީ މާ ދިގުނުކޮށް އަވަހަށް ނިންމާލާ ގޮތަށެވެ. ގަޑިއެއްހާއިރު ނުވަނީސް ޖަލްސާ ނިންމާލި އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ
އެ ޕާޓީގެ ރައީސް ޝާހިދު އާއި ޗެއާޕާސަން ފައްޔާޒަށް ޝުކުރު އަދާކުރައްވާފަ އެވެ. ނަމަވެސް އެ ޕާޓީގެ ކުރީގެ ރައީސް އަދި އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ނުހިމެނުއްވި އެވެ.
މިރޭގެ ޖަލްސާގައި ސޯލިހް ބައިވެރިވެވަޑައިވެސް ނުގެންނަވަ އެވެ.
މިރޭގެ ޖަލްސާ އަކީ ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ އަލުން ގުޅުމަށް ބޭއްވި ޖަލްސާއެއް ނަމަވެސް މި ޖަލްސާގައި އެއްވެސް ބޭފުޅަކު ސޮއިކުރުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިއުލާނު ކުރީ ނަޝީދާއި ޑިމޮކްރެޓްސް އިން ވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ.
އެއީ ކިހާ އަދަދެއްގެ މެންބަރުންނެއް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.
ނަޝީދުވެސް އަލުން އެމްޑީޕީއަށް ވަޑައިގެންނެވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ބޭނުންފުޅުގަ އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާ ކަން ހާމަކުރެއްވުމުގެ ކުރީން ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ހިމޭހެން އެމަނިކުފާނުގެ އަރިސް މެންބަރުންނަށް, ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ މެސެޖެއް ކުރައްވާފަ އެވެ.
ސޯލިހާއި ނަޝީދުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްއާ މަޖިލީސް މެންބަރު ޑރ. ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.