ENGLISH
24 ޖޫން 2025
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަދާހަމަ އެމްޓީސީސީއިން ހިއްސާކޮށްފި
23 ޖޫން 2025
|
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން. --ފޮޓޯ: އެމްޓީސީސީ
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އަދާހަމަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ، ށ. ނަރުދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ރޮކް ބޯލްޑާ ރިވެޓްމެންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި، އެ ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 72 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އާބާދީގައި ގާތްގަނޑަކަށް 700 އެއްހާ މީހުން ދިރިއުޅޭ ނަރުދޫ އަކީ ދަނޑުވެރިކަން ކުރާ ރަށެކެވެ. ދަނޑުވެރިކަމުން އުފައްދާ ތަކެތި ރަށުން ސަޕްލައި ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައިކުރާ ދޯނިފަހަރަށް ރަށުގެ ކަނޑިންމައިން ނުވަދެވުމުގެ ދަތިކަމެވެ.
މީގެއިތުރުން، އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރުމުން އެހެން ބައެއް ރަށްރަށުގެ ދޯނި ފަހަރު މަހުން ލަފަން އައުމަށްފަހު އަނބުރާލާފައި ދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންކަމުން، އެ ރަށުގެ ބަނދަރު ތަރައްޤީ ވެގެން ދިއުމާއެކު ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބި، އަދި ދޯނި ފަހަރާއި ބޮޑެތި ބޯޓުފަހަރުން ފަޅަށް ވަދެ ނުކުތުމަށް އުފުލަމުންދާ ތަކުލީފުތަކަށް ނިމުމެއް އަންނާނެ އެވެ.
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 399 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށްވަނީ ހަމަޖެހިފައެވެ. އަދި 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ނަރުދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ގާތްގަނޑަކަށް 41.34 މިލިއަން ރުފިޔާ އަށެވެ.