ENGLISH
23 ޖޫން 2025
އެހީތެރިކަމަށް އެދުމުން ދިއްކޮށްލެވޭ އަތަކީ ތެދުވެރި އަތަކަށް ވާންޖެހޭ: ސީޕީ
23 ޖޫން 2025
|
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން
ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހެން ވިދާޅުވީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވަނީ އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއާގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ކޯހެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވި އެވެ. މި ކޯހުގެ ތެރެއިން، ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަންޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކޮށް މެނޭޖުކުރުމަށް ދަސްކޮށްދެވޭނެ ކަމަށް ވިދާޅުވި
"މި ޚިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ލޯހުޅުވި، ހިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް،" ސީޕީ ވިދާޅުވި އެވެ.
އިންސްޕެކްޓަރ ކޯހުގެ މައިގަނޑު އަސާސަކީ މި ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް އިންސްޕެކްޓަރު ރޭންކުގެ ޒިންމާ އަދާކުރެވޭ މިންގަނޑަށް ހުނަރާއި ޢިލްމު ލައިދިނުން ކަމަށް ވެސް ވިދާޅުވި އެވެ. ކޯސް ފުރިހަމަކޮށް މަސައްކަތަށް އެނބުރި ދާއިރު، ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރަން ޖެހޭނެ ކަން ސީޕީ ހަނދާން ކޮށްދެއްވި އެވެ.
ޚާއްސަކޮށް ފުލުހުންގެ އެހީތެރިކަން ބޭނުންވެގެން ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު، ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން. އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން،" ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.
އަދި ދިވެހި މުޖުތަމައަކީ ހުޅުވިފައިވާ މުޖުތަމައަކަށް ވުމާއެކު، އިންސްޕެކްޓަރ ކޯސް ފުރިހަމަކުރި ކަމުގައި ވިޔަސް، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ލެވެލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، ޑިސިޕްލިން ފުލުހަކަށް ވާން މަސައްކަތް ކުރެއްވުމަށް އިރުޝާދު ދެއްވި އެވެ.