ENGLISH
11 ސެޕްޓެމްބަރު 2025
އެއްބާރުލުން ނުދޭތީ ޝަރީޢަތް ނިމެންދެން މަމްދޫހު ބަންދު ކުރަން އަމުރުކޮށްފި
23 ޖޫން 2025
|
މަމްދޫހް --
ކޭޕާކް ރެސިޑެންސް ފްލެޓް ތަކުގެ މައްސަލަގައި ހައްޔަރުކޮށްފައިވާ ހަސަން މަމްދޫޙް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަމްދޫހް ހައްޔަރުކޮށް އެތައް ދަޢުވާތަކެއް ވަނީ އުފުލާފަ އެވެ. ނަމަވެސް ޝަރީޢަތް ފެށުމަށް ފަހު އޭނާ ބަންދުން ދޫކޮށްލި އެވެ.
ފްލެޓްތައް އެޅުމާއި ހަވާލުވެފައިވާ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު އަލުން ބަންދުކުރަން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ނިންމެވީ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން މަމްދޫހްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާތީ އެވެ.
މިއަދުގެ އަޑުއެހުމަށް ވެސް މަމްދޫހު ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ގާޒީ ވިދާޅުވީ އަޑުއެހުންތައް ގިނައިން ކެންސަލް ކުރަން ޖެހެނީ މަމްދޫހު, ހާޒިރުނުވުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ އުޒުރެއްގެ ގޮތުން އޭނާ ހުށައަޅާފައިވާ މެޑިކަލް ރިޕޯޓްތަކުގައި ޝަރީޢަތަށް ހާޒިރުނުވެެވޭނެ ފަދަ ސަބަބެއް ނެތް ކަމަށެވެ.
އެހެން ކަމުން އަޑުއެހުންތަކަށް ހާޒިރުވެ ޝަރީޢަތް ކުރިއަށް ގެންދަން އެއްބާރުލުން ނުދޭތީ ޝަރީޢަތް ނިމެންދެން މަމްދޫހް ބަންދު ކުރުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
ކޭޕާކް މައްސަލަ ބޮޑުވީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރު އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫ އެ މައްސަލަ ހުށައެޅުމުންނެވެ.