ENGLISH
23 ޖޫން 2025
އޭލެވެލްއަކީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައަޅަނީ
23 ޖޫން 2025
|
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ޤައުމާ މުޚާޠަބުކުރައްވައި ވިދާޅުވި އެންމެ މުހިންމު އެއް ވާހަކައަކީ، ޤައުމެއް އެންމެ ރަނގަޅުގޮތުގައި ތަރައްޤީކުރުމަށް މުހިއްމު ދެކަމެއް ފުރިހަމަވާންޖެހޭ ކަމެވެ. ދިވެހި ޤައުމު ބިނާކުރުމުގައި ޢުމްރާނީ ތަރައްޤީއާއި އިންސާނީ ތަރައްޤީ ބޭނުންވާކަމުގެ ވާހަކައެވެ. އަދި އެމަނިކުފާނު ޤައުމު ތަރައްޤީކުރެއްވުމުގައި މި ދެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ވާހަކައެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ދެ އަހަރުދުވަސް ފާއިތުވެގެން ދާއިރު، މިދެ ދާއިރާއިން ޤައުމު ބިނާކުރެއްވުމަށް ރައީސް ޑރ މުޢިއްޒު ވަނީ ޚާއްސަ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
"ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިންސާނާ ބިނާކުރުމުގެ ވިސްނުމުގެ ދަށުން ފުރިހަމަ މުސްލިމެއްގެގޮތުގައި ބޮޑުވާ ޤައުމުގެ ދެކެ ލޯބި ދަރިއަކަށް ކޮންމެ ދިވެހި ދަރިޔަކު ހެދުމުގެ ޤައުމީ ޕްރޮގްރާމެއް ރައީސް ވަނީ ފަށްޓަވާފައެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރައީސް ވަނީ އިފްތިތާޙުކުރައްވާފައެވެ. ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަރަށް ޚާއްޞަ ވަޠަނީ މަޝްރޫޢެކެވެ.
މީގެެއިތުރުން ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ތެރެއިން ނުކުންނަ ދަރިވަރުންނަކީ ޤާބިލް ޤައުމުދެކެ ލޯބިވާ ޤައުމު ބިނާކުރަން ތައްޔާރުވެފައިވާ ބަޔަކަށް ހެއްދެވުމަށް ރައީސް ވަނީ ތަޢުލީމީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ސްކޫލް ނިންމީ ހުރިހާ ކުދިންނަކީވެސް އޭލެވެން ނިންމާފައިވާ ކުދިންނަށް ހެއްދެވުމަކީ ރައީސްގެ އަމާޒެކެވެ. އެމަނިކުފާނު ދިވެހި ރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި ޕައިލެޓް ޕްރޮގްރާމާއެކު ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު 77 އިންސައްތަ އިތުރުވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެފައިވަނީ ތަޢުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތާއެކު ރާއްޖޭގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުވާން ޖެހޭކަމަށެވެ. ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިކަން އޮތީ އަޅާނުލައި ދޫކޮށްލާފައިކަމަށާ، އެހެންނަމަވެސް މިސަރުކާރުން ކުރި މަސައްކަތުން 2024 ވަނަ އަހަރުގެ އިމްތިހާންގައި އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީއަހަރަށްވުރެ 106 ކުދިން އިތުރުވެފައިވާކަމަށެވެ. މި ޢަދަދު އަދިވެސް ބޮޑުތަނުން އިތުރުކޮށް ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެ މަތިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ވާހަކަދައްކަވަނީ. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޭލެވެލްގައި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން އިތުރުވުމުން ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ފުރުސަތުލިބޭ ދަރިވަރުންގެ އަދަދުވެސް އިތުރުވާނެކަމަށާ، އެކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ސަރުކާއުން އަންނަނީ އެމަސައްކަތް ކުރައްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވެފައިވަނީ މާލެ ނުހިމަނައި އަތޮޅުތަކުގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ފެއްޓެވި ޕްރޮގްރާމް ކާމިޔާބުކަމަށެވެ. ސަރުކާރު ސްކޫލްތަކުގައި އޭލެވެލް ކިޔެވި ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ އެއްވެސް ދަރިވަރަކު ބާކީވިޔަ ނުދީ، މަތީ ތަޢުލީމާ ހަމައަށް ވީހާވެސް ގިނަ ދަރިވަރުން ގެންގޮސްދިނުމެވެ. އަދި ސްކޫލްނިންމާ ދަރިވަރުންގެ ބޮޑު އިންސައްތައެއް މަތީ ސާނަވީ އިމްތިޙާނުތަކުން ފާސްވެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އޭލެވެލް އެއީ އިޚްތިޔާރެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅުމަކީ މިސަރުކާރުގެ ފަސް އަހަރު ނިމުމުގެކުރިން ސަރުކާރުން ޙާސިލްކުރަން ބޭނުންވާ އަމާޒެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތު، އިންސާނީ ބިނާކުރުން ފުރިހަމަކުރުމަށްޓަކައި ޙާސިލްކުރަން ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ.