ENGLISH
23 ޖޫން 2025
12 ޤައުމަކުން ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި
23 ޖޫން 2025
|
މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުވަނީ. ފޮޓޯ: ރައީސް އޮފީސް
12 ޤައުމަކުން ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.
ޤައުމުތަކުގެ ނޮން-ރެޒިޑެންޓް ސަފީރުން މަޤާމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރަސްމިއްޔާތަށް ނޮން-ރެޒިޑެންޓް ސަފީރުން، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުތަކަށްފަހު ރައީސް ވަނީ ނޮން-ރެޒިޑެންޓް ސަފީރުންނާ ވަކިވަކިން ބައްދަލުކުރައްވައި މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ނޮން-ރެޒިޑެންޓް ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
ޕެރަގުއޭގެ އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ފްލެމީ ރައުލް ދުއަރްތޭ ރަމޯސްއާ އެކު ބޭއްވެވި މަޝްވަރާގައި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ދެ ޤައުމުގެ މެދުގައި ސަޤާފީ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މިޞްރުގެ އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ އާދިލް އިބްރާހީމްއާ އެކު ބޭއްވެވި ބައްދަލުވުމުގައި، މަތީ ތަޢުލީމާއި އިޤުތިޞާދީ ގޮތުންނާއި، ސިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރިޕަބްލިކް އޮފް ކެންޔާގެ އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ، ހިޒް އެކްސަލަންސީ ޕީޓާ މުންޔެރީ މައިނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. ހައި ކޮމިޝަނަރ ވަނީ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، އެމަނިކުފާނަށް ރާއްޖެއިން އެރުވި މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
ކެމްބޯޑިއާގެ އައު ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ރޮތެ މާނީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ފަތުރުވެރިކާމާއި، ވިޔާފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ތަޖަކިސްތާންގެ އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ބޮބޮކަލޮންޒޮދާ ލުކްމޮންއާ އެކު ރައީސް ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ ހިމެނެއެވެ.
ނޭޕާލްގެ އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޑޮކްޓަރ ޕޫރްނާ ބަހާދޫރު ނޭޕާލީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތަޢުލީމާއި ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާ ހިމެނެއެވެ.
ދަ ރިޕަބްލިކް އޮފް ސައިޕްރަސްގެ އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ، ހިޒް އެކްސަލެންސީ އެވަގޮރަސް ވިރްޔޮނިޑެސްއާ ބައްދަލުކުރައްވައި ރައީސް ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާކަންވެސް ދެބޭފުޅުން ހާމަކުރެއްވިއެވެ.
ކިންގްޑަމް އޮފް ސްޕެއިންގެ އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޚުއާން އެންޓޯނިއޯ މާރޗް ޕުޔޮލްއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުންފަދަ ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ހިމެނެއެވެ. އަދި ސްޕެއިނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަކަން ފާހަގަކުރައްވައި، ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، މިކަމަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށާ، އަދި މި ކުރިއެރުން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެއިތުރުން ދޭދޭ ގުޅުން ބަދަހިކުރެވެނޭ އިތުރު ދާއިރާތައް ދެނެގަނެ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކުގައި މަސައްކަތްކުރަމުން ދާނެކަމުގެ ޔަޤީންކަންވެސް ދެބޭފުޅުން ވަނީ ދެއްވާފައެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޑޮކްޓަރ އަލީރިޒާ ދެލްކޯޝްއާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި، ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމާއި ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަރޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
ކިންގްޑަމް އޮފް ނޯވޭގެ އައު ސަފީރު، ހަރ އެކްސަލަންސީ މައި-އެލިން ސްޓެނަރއާއެކު ބޭއްވެވި ބައްދަލުވުމުގައި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، މިދާއިރާގައި ނޯވޭގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް ފަހި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް ނޯވޭއިން ތަޢުލީމީ ފުރުސަތުތައް ހުޅުވާލުމާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ގިނީގެ އައު ނޮން-ރެޒިޑެންޓް ސަފީރު ހިޒް އެކްސަލެންސީ ކޮންޓް އަލައްސާންއާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންވެސްޓްމަންޓްގެ ދާއިރާއާއި އިޤްތިޞާދީ އެއްބާރުލުން ދިނުމާއި ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަލްޖީރިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ އަބްޑެނަރ ޚެލެފީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން، ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ދޭދޭ މަސްލަހަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި އިސްލާމީ އިލްމުވެރިންނާއި ޤުރުއާން ކިޔަވާ މީހުންނަށް އަލްޖީރިއާގައި ތަމްރީނު ލިބުމަށް އޮތް ފުރުޞަތުތަކާމެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، އަލްޖީރިއާގެ ސަފީރު ވަނީ، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ތަޢުރީފު ކުރައްވާފައެވެ.