ENGLISH
23 ޖޫން 2025
އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެއުމަށް މަސައްކަތް ކުރަމުން: ވަޒީރު
23 ޖޫން 2025
|
އެޑިއުކޭޝަން މިިނިސްޓަރު، ޑރ. އިސްމާޢީލް ޝަފީޢު، ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީން، ތައުލީމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، 2023 އަދި 2024 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގެ ފަހު ދަންފަޅީގައި ރޭ ވާހަކަދައްކަވަމުންނެވެ. ޖަލްސާގައި އެ މަނިކުފާނު ވަނީ މި ސަރުކާރުން ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ކުރައްވަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އެ މަނިކުފާނު ވަނީ 2024 ވަނަ އަހަރާއި 2025 ވަ އަހަރު، ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތަފާތު ހިއްސާކުރައްވާފައެވެ. ދެ އަހަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާ، އެ މަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 4.4 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި މި ޢަދަދަކީ، ކުރީ ސަރުކާރުގެ އެންމެ ފަހު ބަޖެޓާއި އަޅާބަލާއިރު 437 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ބަޖެޓަށް މި ފައިސާ އިތުރުކޮށްފައި ވަނީ ތަޢުލީމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރަމުންދާ މަސައްކަތަށް ކަމަށެވެ.
"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ ބަޖެޓު ތަޢުލީމީ ދާއިރާއަށް 4.4 ބިލިއަން ރުފިޔާ ހިމަނާ، 2023 ވަނަ އަހަރުގަ ބޭފުޅުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓަށްވުރެ 437 މިލިއަން ރުފިޔާ މިވަނީ އިތުރުކުރެވިފަ. އެ ފައިސާ އިތުރުކޮށްފަ މިވަނީ ތަޢުލީމަށް އިންޤިލާބީ ބަދަލެއް ގެނައުމުގަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރަމުންދާ މަސައްކަތަށް." ވަޒީރު ވިދާޅުވިއެވެ.
މި ފައިސާ ބޭނުންކުރަން ރާވަފައިވާ ގޮތް ހިއްސާކުރައްވަމުން އެ މަނިކުފާނު އެންމެ ފުރަތަމަވެސް ފާހަގަކުރައްވާފައިވަނީ މުދައްރިސުން ތަމްރީނުކުރުމުގެ ވާހަކައެވެ. އެގޮތުން، މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިހާރު ފެށިފައި ވާކަމަށާއި، ރާއްޖެއަށް ބޭނުންވާ ސެން ޓީޗަރުން ތަމްރީނުކުރުންވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށް ކޮންމެ މަހަކު 1500 ރުފިޔާ ލިބޭގޮތަށްވެސް ޕްލޭނެއް ފަރުމާކޮށް، އެކަމުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރަށް، މަދަރުސާތަކުގެ ހިންގުން ރަނގަޅުކުރުމަށާއި ކިޔެވުމަށް ފަހު މާހައުލެއް ޤާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުންނާއި އެންމެ ގާތުން، ކުރައްވަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށްޓަކައި އަތޮޅުތަކަށް ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި އެންމެ ގިނަ ބައްދަލުވުންތައް ބޭއްވިގެންދިޔައީ، މަދަރުސާތަކުގައިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ސްކޫލްތަކުގެ މާހައުލު މިހާރަށްވުރެ ރަނގަޅުކުރަންޖެހޭކަން، ރައީސް ފާހަގަކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިފަދަ ކަންކަމަށް އެޑްރެސް ކުރުމަށް "ކޫލް ސްކޫލް" ޕްރޮޖެކްޓް އެކުލަވާލެވިފައިވާ ކަމަށާއި، ބަޖެޓުގައި ހިމަނާފައިވާ ފައިސާ ހޭދަކުރާނީ މިފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށެވެ.
އޯލެވެލް ނިންމުމަށްފަހު، އޭލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް އިތުރުކުރަންޖެހޭ ކަން ފާހަގަކުރައްވާ، ސްކޫލް ނިމޭ ގްރޭޑަކީ 12 އަށް ހެދުމުގެ މަސައްކަތްވެސް ކުރައްވަމުންދާ ކަމަށެވެ.
ވަޒީރުގެ ވާހަކަ ނިންމާލެއްވީ، ބޭރެ ޤައުމުތަކަށް ގޮސް، މޮޅަށް ކިޔަވައިގެން އަންނަ ދަރިވަރުންވެސް، ދިވެހި ޤައުމަށް ޚިދުމަތްކުރަން ޢަޒުމުކަނޑައަޅަން އިލްތިމާސްކުރައްވަމުންނެވެ.