ENGLISH
23 ޖޫން 2025
ތެލެސީމިޔާ ކުދިން ލިބޭނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން "ޕްރޮގްރާމެއް" ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދަނީ
23 ޖޫން 2025
|
އޮރެންޖު ހިޔާ ގައި ގާއިމް ކުރި ތެލެސީމިއާ ސެންޓަރު (ފޮޓޯ/އެމްއެންޑީއެފް)
ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ ދެ މީހަކު ކައިވެނިކުރަން ބޭނުންވާނަމަ، ޚާއްސަ ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭ ގޮތަށް "ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް" އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ޖަލްސާގައި އިއްވާފަ އެވެ.
އެ ބިލު ހުށަހަޅާފައިވަނީ، ތެލެސީމިއާ އެންޑް ހީމޮގްލޯބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި ޒިންްމާތައް ތަމްސީލުކުރުމަށާއި ތެލެސިމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށެވެ.
ތެލެސީމިއާ އެންޑް ހީމޮގްލޯބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ ޒިންމާތައް ހިމަނައި އެ ގާނޫނަށް ވަނީ އާ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފަ އެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނީ ޑިރެކްޓަރ ޖެނެރަލް އެވެ. ތެލެސީމިއާއާ ބެހޭ ސިޔާސަތުތަކަކީ ސައްހަ މައުލޫމާތަށް ބިނާކޮށް ކަނޑައަޅާ ސިޔާސަތުތަކަށް ހެދުމަށްޓަކައި އެފަދަ ދިރާސާތައް ކޮށް، ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ކުރިއަރުވައި ހަރުދަނާކުރުމަށްޓަކައި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް ހިންގުމަށް އިރުޝާދު ދިނުމަކީ ވެސް ޑިރެކްޓަރ ޖެނެރަލްގެ ޒިންމާ އެކެވެ.
މި ބިލުގައި ހުށަހަޅާފައިވާ އެންމެ މުހިއްމު އިސްލާހަކީ "ތެލެސީމިއާ ކުދިން ލިިބދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުން" ނަމުގައި އެ ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ އިސްލާހެވެ. އެ އިސްލާހުގައު ވަނީ، ރާއްޖޭގައި ކައިވެނިކުރަން އެދޭ ދެ ފަރާތުުން ކައިވެނިކުރުމުގެ ހުއްދައަށް އެދި ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނީ ތެލެސީމިއާ އަށް ޓެސްޓުކުރުމަށްފަހު އެ ޓެސްޓުގެ ނަތީޖާއަށްފަހު ކަމަށެވެ. އަދި އެ ނަތީޖާއަށް ބަލައި އެ ދެ ފަރާތަކީ ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމަށްވާނަމަ، އެ ފަދަ ކައިވެންޏެއް ކޮށްދޭންވާނީ، އިސްލާހު ގައިވާގޮތުން "ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު" އެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމްގައި އެކުލެވެންޖެހޭ ބައިތައް އެ ގަވާއިދުގައި ހިމަނަން ޖެހޭނެ ކަމަށް ވެއެވެ.
ބިލުގައި ވާާގޮތުން، ގާނޫނަށް ގެންނަ އިސްލާހުތަކުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ.