ENGLISH
23 ޖޫން 2025
ޑިމޮކްރޮޓުން އެދަނީ އިބޫ ޕާޓީން ވެސް ފޮހެލަން!؟
23 ޖޫން 2025
|
" އަޅުގަނޑުވެސް ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ދޫކޮށް ނުކުތީ ޕާޓީގެ ސިޔާސަތުތައް، ރައްޔިތުންނަށް ވައުދުތައް ނުފުއްދާ މުޅިން އެހެން ކަންތައްްތަކެއްގައި ސަރުކާރު ޝާމިލުވަމުން ދިޔައީ. ކަންތައްތައް ވެގެން ދިޔައީ ބިރުގަނެ ފިތްގަނޑައިގެންދާވަރު ކަންތައްތަކަށް. އެއީ ވައްކަމާއި ހިޔާނާތުގެ ނެޓްވޯކަކަށް،"
މިރޭ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނަވާ އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ސިފަކުރެއްވި ރަހުމުކުޑަ ވަފާތެރިކަމެއް ނެތް ވެރިކަމެެއްގެ ގޮތުގަ އެވެ. ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައީސް ސޯލިހު ވެރިކަމުގައި ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން "ނޭވާ ހޮޅިން" ވައްކަން ކުރި ކަމަށްވިދާޅުވެ އެކަން ބަލަން ނަޝީދު އަދިވެސް ބޭނުންފުޅުވެ އެވެ.
"ވެންޓިލޭޓަރުގެ ވައްކަން އަޅުގަނޑުމެން ހޯދާން ޖެހޭނެ. އެކަންކުރި ބައެއް އިންސާފަށް ނުގެނެވޭ ނަމަ އަޅުގަނޑު ދަންނަވާނީ ދިވެހި ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ހިނގަމުންދާނީ މި ބަވާތުގެ ކަންކަމޭ،" ހައުސް އޮފް ޑިމޮކްރޮޓްސް ހުޅުވަން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވެފަވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިބޫ ވާދަކުރައްވާނެކަން މާކުރިން ވެސް އަޑުތައް ފެތުރިފައިވަނިކޮށް އަދި އެކަން ކަށަވަރުކޮށްދެއްވާފައިވަނިކޮށް އެ ޕާޓީއާާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އީވާ އަބްދުﷲ އެވެ. އީވާ ވަނީ މިއަދުގެ އެމްޑީޕީގެ ހާލަަތު މާކުރިން ކޮޮށްދެއްވާފަ އެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމޭނެކަން ހިސާބު އަދަދުން އަންދާޒާ ކުރެއްވުމަށްފަހު އީވާ ވަނީ އެމްޑީޕީ ސަރުކާރުގެ ވައްކަން އެކި ފަރާތްތަކަށް ތުހުމަތު ކުރައްވާފަ އެވެ. އީވާ އަލުން ގުޅިވަޑައިގަންނަވާ އެމްޑީޕީގެ ކުރީ ސަފުގައި ތިބި މީހުން އީވާ ސިފަ ކުރެއްވީ ބޮޑެތި ވައްކަންތައް ކުރެއްވި ބޭފުޅުންގެ ގޮތުގަ އެވެ.
"ވެރިކަން ނިމޭއިރު މަގުމަތިވާނީ ކޮންޓްރެކްޓަށް ނަފުސު ވިއްކާލި މަޖިލިސް މެމްބަރު. ވެރިކަން ނިމޭއިރު މަގުމަތިވާނީ ރޮލެކްސް ގަޑިއަކަށް ކުންފުނީގެ ތިޖޫރި ކަހާލި އެމްޑީ. ވެރިކަން ނިިމޭއިރު މަގުމަތިވާނީ ފެނަކައިގެ ވައްކަމާއި އާރުޑީސީގެ ވައްކަމާއި ވެންޓިލޭޓަރުގެ ވައްކަން މަތިޖަހާލަދިން، ނުވަތަ މަގުފަހި ކޮށްދިން ވަޒީރު. ވެރިކަން ނިމޭއިރު މަގުމަތިނުވާނީ ވައްކަމަށް ނޯ ޖަހާފައި (އެމްޑީޕީ)އިން ނިކުތް ހިތްވަރުގަދަ ޑިމޮކްރޮޓުން،" އިވާ ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނަށް ވަފާތެރި ބައެއް ބޭފުޅުން ރައީސް ސޯލިހާއި އެމްޑީޕީގެ ވެރިންނަށް ބޮޑެތި ތުހުމަތުތައް ކުރެއްވުމަށްފަހު އެމްޑީޕީ ދޫކޮށް ވަޑައިގެން އައު ޕާޓީއެއް އުފައްދަވައިގެން އެންމެ ބޮޑަށް ކުރެއްވި ކަމަކީ ރައީސް ސޯލިހް އިތުރު ދައުރަކަށް ހޮވުނަ ނުދިނުމެވެ. މިރޭ އަލުން އެމްޑީޕީ އާ ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވަނީ ރައީސް ސޯލިހްގެ މައްޗަށް ބޮޑެތި ވައްކަމުގެ ތުހުމަތުއް ކޮށްފަ އެވެ. ރައީސް ސޯލިހާއި އެމްޑީޕީ ސަރުކާރުގެ އިސްވެރިންނަށް ކުރެއްވި ބޮޑެތި ތުހުމަތުތަކާއެކު މިއަދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވާއިރު އެމީހުންގެ މަގުސަދަކީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ގެއްލުވާލުން ކަމަށް ބައެއްް މީހުން ގަބޫލުކުރެ އެވެ.
މިހާރު އޮތް ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ޕާޓީ ތެރެެއިން އެ ޓިކެޓް ގެއްލުވާލުމަށް އަލުން އެމްޑީޕީއާ ގުޅެނީ ކަމަށް ޕާޓީގެ ތެރެެއިން ބުނާ އަޑު ގަދަވާން ފަށައިފި އެވެ. އެހެން ނޫން ނަމަ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވަމުންދާ އެ ބޭފުޅުން އެ ވިދާޅުވި "ވަގުންގެ ނެޓްވޯކް"ތެރެއަށް ވެންނެވުމުގެ މާ ބަޮޑު މަގުސަދެއް ނޯންނާނެ އެވެ. ސަރުކާރު ޒިންމާދާރު ކުރުވަން ނުވަތަ ޕާޓީން ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގަން ދަ ޑިމޮކްރޮޓިކް ވެސް ފުދެ އެވެ. ދެ ޕާޓީން އެކުގައި މަގުތަކަށްވެސް ނިކުންނެވޭނެ އެވެ. އެހެން ކަމުން ރައީސް ސޯލިހަށް ވަފާތެރިން ތިބީ ރައީސް ނަޝީދާއި އެމަނިިކުފާނުގެ ބައިވެރިންގެ މި ރޭވުން އެނގިގެން ކަމަށް ބެލެވެ އެވެ. އޭގެ އެއް ހެއްކަކީ ނަޝީދު ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ކުޑަތަން ވެފައިވަނިކޮށް ރައީސް ސޯލިހް ރިޔާސީ ޕްރަމަރީ އިއުލާނެއް ނުކުރެއްވީހެ އެވެ.