ENGLISH
23 ޖޫން 2025
މިނިމަމް ވޭޖުގެ ދިރާސާ އަންނަ ޑިސެމްބަރަށް ނިންމާލަނީ
23 ޖޫން 2025
|
މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ، ލޭބާ އެންޑް ސްކިލްޒް ޑިވެލޮޕްމެންޓް ޑރ. އަލީ ހައިދަރު
މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރުމަށްޓަކައި ހަދާ ދިރާސާ އަންނަ ޑިސެމްބަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ، ލޭބާ އެންޑް ސްކިލްޒް ޑިވެލޮޕްމެންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. މައުރޫފް މިނިސްޓަރާއި ސުވާލުކުރެއްވީ، ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖު މުރާޖާކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާތީ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މިނިމަމް ވޭޖު ފުރަތަމަ ކަނޑައެޅީ 8 ނޮވެމްބަރު 2021 ގަ އެވެ. އެހެންކަމުން 2023 ގެ ނޮވެމްބަރު 8 ގައި މިނިމަމް ވޭޖު މުރާޖާކޮށް އާއްމުކުރަން ޖެހޭނެ އެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުރީ ސަރުކާރުން އެ މަސައްކަތް ނިންމާފައެއް ނުވެ އެވެ.
އެކަން ފާހަގަކުރައްވަމުން ހައިދަރުގެ ޖަވާބުގައި އޭނާ ވަނީ، މިނިމަމް ވޭޖާ ގުޅޭ އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލައި މިދިޔަ 2024 ވަނަ އަހަރުގައި ބައްދަލުވުންތައް ބޭއްވުނުކަން ފާހަގަކުރައްވާފަ އެވެ. ކުރީގެ ބޯޑުން ނިންމި މުހިއްމު ލިޔެކިއުންތަކާއި ދިރާސާތައް އާ ބޯޑާއި ހިއްސާކުރުމަށް ވަގުތު ބޭނުންވިއިރު، ވަޒީރު ވިދާޅުވީ މިނިމަމް ވޭޖުގެ މަސައްކަތުގައި ކުރިން މަޝްއޫލުވެ އުޅުނު މުވައްޒަފުން އެކި އެކި ސަބަބުތަކަށްޓަކައި މިހާރު އެ މަސައްކަތާއި ދުރަށް ގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން، އާ ބޯޑަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ އެހީތެރިކަން ހޯދުމަށް މިދިޔަ އަހަރު މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އެކަމާ ގުޅިގެން މިދިޔަ މެއި މަހުގެ 20 ގައި އައިއެލްއޯގެ ޓެކްނިކަލް ނޯޓެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖު ރިވިއުކުރުމަށްޓަކައި އައިއެލްއޯ އިން ހުށަހަޅާފައިވަނީ، އެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން، މިނިމަމް ވޭޖު ތަންފީޒުކުރެވޭ މިންވަރު ބަލަން ހަދާ ދިރާސާއަށް ބޭނުންވާ ޕްރައިމަރީ އަދި ސެކަންޑްރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށެވެ.
ވަޒީރުގެ ޖަވާބު ނިންމަވާލެއްވީ، މިނިމަމް ވޭޖަކީ އޭގެ ބުރަ ނުވަތަ ނޭދެވޭ އަސަރު އިގްތިސޯދަށާއި މަސައްކަތްތެރިންނަށާއި މަސައްކަތްތެރިކަމަށް ނުކުރާނެ ގޮތަކަށް ކަނޑައެޅުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކުރައްވަމުންނެވެ.