ENGLISH
23 ޖޫން 2025
އެމެރިކާގެ ކޮންގްރެސްގެ ރުހުން ނުހޯދައި އީރާނަށް ޙަމަލާދިނުމުން އިދިކޮޅުގެ ފާޑުކިޔުން ބަންޑުންވެއްޖެ
23 ޖޫން 2025
|
އެމެރިކާގެ ކޮންގްރެސްގެ ރުހުން ނުހޯދައި، އިޒްރޭލާއި އީރާނުން ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން އެންމެ ފަހުން ވަދެ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ބޮން އެޅި މައްސަލާގައި، އިދިކޮޅު ޑިމޮކްރެޓްސްގެ މެމްބަރުންގެ ފާޑުކިޔުން ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުވެއްޖެއެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ އާއި މަތިގޭގެ އިދިކޮޅުން މެމްބަރުން ވިދާޅުވަމުން ގެންދަވާ ގޮތުގައި، އެމެރިކާއިން އީރާނަށް ބޮން އަޅާފައިމިވަނީ، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމުގެ އެކަށީގެންވާ ހެއްކެއް ވެސް ނެތިއެވެ.
އަދި ޓްރަމްޕްގެ މި ޢަމަލުފުޅަކީ، ޤާނޫނުއަސާސީއާ މުޅިން ޚިލާފު ޢަމަލެއް ކަމަށް އެ މެމްބަރުން ދަނީ ސިފަކުރައްވަމުންނެވެ.
ޓްރަމްޕްގެ މި ޢަމަލުފުޅުގެ ސަބަބުން، މުޅި މެދުއިރުމަތި ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާފައިވާތީ، ޓްރަމްޕަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކުރުމުގެ ވިސްނުމެއްގެ އަޑުތައް ވެސް މިހާރު ވަނީ އިވެން ފަށައިފައެވެ.
"އެއްވެސް ރޭވުންތެރިކަމެއް ނެތި، މި ޤައުމު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ގެންދިޔުމުގެ ބާރު އެއްވެސް ރައީސަކަށް އޮވެގެން ނުވާނެ،" ސެނެޓުގެ ޑިމޮކްރެޓުންގެ ލީޑަރު ޗަކް ޝޫމަރ ވިދާޅުވިއެވެ.
އެމެރިކާއިން އިއްޔެ ވަނީ، އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައިފައެވެ.
އޭގެފަހުން ޤައުމާ މުޚާތަބު ކުރައްވައި، ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމާޒަކަށްވީ، އީރާނުގެ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން އެކީގައި ނެތިކޮށްލުމެވެ.
އެކަން ވަރަށް ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން ޙާޞިލް ކުރެވިއްޖެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި މުޅި މެދުއިރުމަތީގެ ހަމަނުޖެހުން ނަގައިލަން މަސައްކަތް ކުރަމުންދިޔަ، އީރާނުން "މިހާރުން މިހާރަށް" ސުލްޙަ ޤާއިމުކުރަން އެއްބަސްނުވެއްޖަނަމަ، ކުރިއަށް ހުރި ޙަމަލާތައް "މާ ވަރުގަދަވެ، އަދި ފަސޭހަ" ވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ޙަމަލާތައް ދޭނެ އިތުރު ތަންތަން ހުރިކަން ހަނދާންކުރާތި،" އީރާނަށް އިތުރު ޙަމަލާތަކުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
އަދި ޓްރަމްޕް ވަނީ، އިޒްރޭލާ ގުޅިގެން އެމެރިކާއިން ހިންގާފައިވަނީ ތާރީޚީ އޮޕަރޭޝަނެއް ކަމަށް ސިފަކުރައްވައި، އީރާނަށް ޙަމަލާ ދިނުމުގައި އިޒްރޭލުން ކުރަމުންދާ މަސައްކަތަށް ތަޢުރީފު ވެސް ކުރައްވައިފައެވެ.
ނަމަވެސް، ސުލްޙަ ޤާއިމުކުރަން އީރާނުން ކުރަންޖެހޭކަމެއް ޓްރަމްޕް ސީދާ ވިދާޅުވެފައެއް ނުވެއެވެ.
ޖޫން 13 ވަނަ ދުވަހު، އިޒްރޭލުން އީރާނާ ދެކޮޅަށް ޢުދުވާނީ ހަމަލާތައް ފަށާފައިވަނީ، އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.
އެމެރިކާއިން އޭރު ވެސް ޝަރުތުކުރަމުންދިޔައީ، އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓައިލުމަށެވެ.
ނަމަވެސް، އެ ނިއުކްލިޔަރ ޕްރޮގްރާމަކީ، މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.