ENGLISH
11 ސެޕްޓެމްބަރު 2025
ގިނަ އަދަދެއްގެ ބޭހާއެކު ކޮޗިން އެއާޕޯޓުން ދެ ދިވެހިން ހައްޔަރުކޮށްފި
23 ޖޫން 2025
|
އިންޑިއާގެ ކޮޗިން އެއާޕޯޓުން ގިނަ އަދަދެއްގެ ބޭހާއެކު ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް އެ އެއާޕޯޓުގެ ކަސްޓަމްސް އެއާ އިންޓަލިޖެންސް ޔުނިޓުން ބުނެފި އެވެ.
ގިނަ އަދަދެއްގެ ބޭހާ އެކު ހައްޔަރުކުރި މީހުން ބޭސް ގެންދަން އުޅުނީ ރާއްޖެ އެވެ. އެއާ އިންޓަލިޖެންސް ޔުނިޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެއްވެސް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ބޭސް ބޭރުކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ ދިވެހިންނަކީ މުބާހު ސައީދު އަދި އަބްދުﷲ ނަސީމް އެވެ. އެ މީހުންގެ އަތުގައި ބޭހުގެ ޑްރަގު ސެޓްފިކެޓް އަދި އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ. ބަލްކްކޮށް އިންޑިއާ އިން ބޭސް ބޭރު ކުރާ ނަމަ މި ލިޔުންތައް ބޭނުންވާނެ އެވެ.
ކަސްޓަމްސް އިންޓަލިޖެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ދިވެހިންގެ އަތުން ފަސް ކާޓަންގެ ބޭސް ފެނިފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް އިންޑިއާ ރުޕީސްގެ ތިން ލައްކަ އާއި ފަސް ލައްކައާ ދެމެދުގެ އަދަދެއްގެ ބޭސް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ދެ ދިވެހިން އެހާ ގިނަ އަދަދެއްގެ ބޭސް އިންޑިއާ އިން ބޭރުކުރަން އުޅުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނިގޮތުގައި، ގިނަ އަދަދެއްގެ ބޭސް އިންޑިއާ އިން ބޭރުކުރަން އުޅުނީ ވިޔަފާރީގެ ބޭނުމެއްގައި ކަމަށް ބެލެވެ އެވެ.
ކަސްޓަމްސް ޑިޕާޓްމަންޓުން މިހާރު ވަނީ އެ ހުރިހާ ބޭހެއް ހިފަހައްޓައިފަ އެވެ. އެއީ އެ ބޭހުގައި ހުއްދަ ނޫން ބާވަތެއް އެކުލެވިފައިވޭތޯ ބެލުމަށް ތަހުލީކުތައް ކުރުމަށެވެ.