ENGLISH
02 ޖުލައި 2025
ރައީސް ނަޝީދު އަނބުރާ އެމްޑީޕީއަށް؛ ޕާޓީއަަށް ވާނީ ފައިދާތަ ނުވަތަ ގެއްލުންތަ؟
26 ޖޫން 2025
|
ކުރީގެ ރައީސް ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅުނު ޖަލްސާގެ ތެރެއިން. ޕާޓީގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފަ
ޖޫން 23 ވަނަ ދުވަހަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ފުރޮޅުންތަކުގެ ތާރީހުގައި އަނެއްކާވެސް މުހިއްމު ދުވަހެކެވެ. އެމްޑީޕީ އުފެއްދެވުމުގައި، އަދި އިހަކަށް ދުވަހާ ޖެހެންދެން އެ ޕާޓީ ކުރި ދަތުރުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި، އެންމެ ދުވަސް ވަަންދެން އެ ޕާޓީގެ ލަގަން އެ ބޭފުޅެއްގެ އަތްޕުޅުން ނުވީއްލި، އެ ބޭފުޅަކު ބޭނުން މިސްރާބަކަށް އެ ޕާޓީ ދަތުރުކުރަމުންއައި، ރައީސް މުޙައްމަދު ނަޝީދު ތިން އަހަރެއްހައި ދުވަސް ފަހުން އަނބުރާ އެމްޑީޕީއަށް ވަޑައިގެންނެވި ދުވަހެވެ.
ރައީސް ނަޝީދާ ނުލައި އެމްޑީޕީގެ ތާރީހުން ދެތިން ސަފުހާވެސް ނުލިޔެވޭނެއެވެ. ލަންކާގެ ވެރިރަށް ކޮޅުނބުގައި އެމްޑީޕީ ތައުސީސްކުރެވުނުއިރު އެ މަރުހަލާގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނަޝީދެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓަކީ ނަޝީދެވެ. އެފަހަރު އިންތިހާބު ކާމިޔާބުކުރެއްވިއެވެ. އެމްޑީޕީގައި ނަޝީދަކީ އެ ޕާޓީ އުފެދުނު ދުވަހުން ފެށިގެން، އިހަކަށް ދުވަހު އެ ޕާޓީ ދޫކުރައްވައި ޕާޓީން ނުކުމެވަޑައިގަތުމާ ހަމައަށްވެސް ދެބަސްވުމެއް ނެތް ގޮތުގައި އެންމެ ނުފޫޒު ގަދަ އެންމެ ބަސްވިކޭ ލީޑަރެވެ. އެކަން ބަދަލުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިތުމުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުންތަކުގެ ސަބަބުންނެވެ.
ނަމަވެސް ނަޝީދަކީ އެމްޑީޕީގައި މަގުބޫލު ބޭފުޅެކެވެ. އެމްޑީޕީގެ ޅަފަތުގައި އެ ޕާޓީން ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުގައި ހުންނަވަައިގެން އެ ހަރަކާތްތަކުގެ އެހެން ބައިވެރިން އެކަހެރިކުރެއްވުމަށްފަހު މުޅި އެ މަސައްކަތުގެ މޫނު މައްޗަށް ވެވަޑައިގަތީ ނަޝީދެވެ. ރައީސް އަލްއުސްތާޛު މަައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބިނާކުރަން ފެށިފައި ހުރި މަދަނަ ފަދަ ނިޒާމުތައް ފުޅާކުރައްވައި އާސަންދަ ފަދަ ނިޒާމުތައް ތައާރަފުކުރެއްވުމަށްފަހު، މުޅި އެ ހިޔާލާއި ވިސްނުމާއި ސިޔާސަތަކީ އެމަނިކުފާނުގެ އެކަނި އެއްޗެއްގެ ގޮތުގައި ތަސައްވުރުކޮށްދެއްވިއެވެ. އެހެންކަމުން ގިނަ ބަޔަކު ދެކެނީ ނަޝީދަކީ ސިޔާސީ އިސްލާހީ މަސައްކަތްތަކުގެ ގާއިދު ކަމުގައެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދިވެހިންނަށް ހޯދައިދެއްވުމުގެ ހުރިހާ ޝަރަފެއްވެސް އެއް ބަޔަކު ދެނީ އެމަނިކުފާނަށެވެ.
މިދެންނެވި ކަންކަމާއެކު ނަޝީދު އެމްޑީޕީއަށް އަލުން ވަޑައިގަތުމުން ޕާޓީއަށް ލިބޭނީ ފައިދާތޯ ގެއްލުންތޯ ސިޔާސީ މަސްރަހާމެދު ވިސްނާ މީހުން ސުވާލުކުރާނެއެވެ. އަޅުގަނޑުވެސް އެ ނަޒަަރުން މިދެންނެވި ސުވާލަށް ޖަވާބެއް އެރުވުމަށް މަސައްކަތްކުރާނަމެވެ.
އެމްޑީޕީއަށް ރާއްޖޭގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދިވެހިންގެ ވިސްނުމާއި ހިޔާލުގައި އެ ޕާޓީއާ ސެކިއުލާ ދީނާ ދުރު ވިސްނުންތަކާ ގުޅުވިފައި އޮތުމެވެ. "ލާދީނީ" ނުވަތަ ދީނާ އިދިކޮޅު ދުރު ވިސްނުންތަކަކީ އެމްޑީޕީގެ ސިޔާސަތުތަކެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަކުރެވުނު އަދި ގަބޫލުކުރެވުނު ސަބަބަކީ ނަޝީދެވެ.
ނަޝީދަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަށް ވާހަކަދައްކަވާ ބޭފުޅެކެވެ. އެގޮތުން ވެރިކަމުގައި ހުންނެވިއިރު ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ތަގުރީރުތަކުގައި އިސްލާމްދީނުގައި ސަރީހަ ޝަރުއީ ނައްސުތަކުން އެއްވެސް ދެބަސްވުމެއް ނެތް މިންވަރަށް ސާބިތުވެފައިވާ ހުކުމްތަަކަށް ގޮންޖައްސަވައި ވާހަކަދެއްކެވިއެވެ. ވަގުންގެ އަތް ކެނޑުމާއި ޒިނޭކުރާ މީހުން ރަޖަމްކުރުމާއި، މަރަށް މަރު ހިފުމަކީ ދިވެހިން ބޭނުންވާ ކަންކަން ނޫން ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅު ޖަމްއިއްޔާ ޖަމާއަތްތަކަކުން ބޭއްވި ހަރަކާތެއް ޝަރަފުވެރިކޮށްދެއްވަމުން ހަކުރު ނުވަތަ ހެރޮއިން ނޫން އެހެނިހެން ސޮފްޓް ޑްރަގްސް ނުވަތަ ލުއި މަސްތުވާތަކެތި ބޭނުންކުރަން ހިތްވަރުދެއްވައި، އެންމެނަކު 24 ގަޑިއިރު ހަމައިގަ ތިބެން ބޭނުންނުވާނެ ކަމުގައި ވިދާޅުވެ، މަސްތުވުމުގެ ސަގާފަތަށް ހިތްވަރުދެއްވައި ވާހަކަދެއްކެވިއެވެ.
ވެރިކަމުގައި ހުންނަވައިގެން ސިހުޔޫނީ ދައުލަތް އިސްރާއީލާ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތް ފާޅުގައި ކުރިއަށްގެންދެވިއެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި އެކަން ދިފާއުކުރެއްވިއެވެ. މިނޫނަސް މިދެންނެވި ފަދަ އެތައް ކަމެއް އެމަނިކުފާނުގެ އަމަލުފުޅާއި ވާހަކަފުޅުގެ ތެރެެއިން ދިވެހި ދެކި ތަޖުރިބާކޮށްފިއެވެ. އެއީ އެމަނިކުފާނަށާއި، އެމްޑީޕީއަށް އަމާޒުކޮށް ލާދީނީ ނުވަތަ ސެކިއުލާ ކަމަށް ތުހުމަތުކުރާ ސަބަބެވެ. ލާދީނީގެ މާނައަކީ ދީނުން ބޭރުވުމެއް ނޫނެވެ. ނަމަވެސް ދީނާ ދެކޮޅު، އިޖުތިމާއީ ސިޔާސީ އަދި އިގުތިސާދީ ކަންކަމުން ދީން ނެރެލުމުގެ ވިސްނުމެއް ގެންގުޅުމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުންނާއި މިވަގުތު އެމްޑީޕީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފައްޔާޒު އިސްމާއީލާއި އަބްދުﷲ ޝާހިދު ފަދަ ބޭފުޅުންގެ ދީނީ ވިސްނުންފުޅު ހުރި ނެތް ގޮތެއް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ނަމަވެސް އެއިން ބޭފުޅަކު ނަޝީދު ވިދާޅުވި ފަދަ ބަސްފުޅެއް ވިދާޅުނުވެއެވެ. ނަޝީދު ކުރެއްވި ފަދަ ކަމެއް ނުވެސް ކުރައްވަައެވެ. މި ސަބަބުތަކާހުރެ އެ ޕާޓީގައި ނަޝީދު ނެތްނަމަ ލާދީނީ ސެކިއުލާ ލައްގަނޑުން ސަލާމަތްވުމުގެ ފުރުސަތު އެމްޑީޕީއަށް އޮންނާނެއެވެ. ނަމަވެސް ނަޝީދު އުފުއްލަވާ ދާގީނާއާއެކު އެމަނިކުފާުނު އެމްޑީޕީއަށް އަލުންް ވަދެވަޑައިގަތުމުން އަނެއްކާވެސް އެ ލައްގަނޑު އިއާދަވާނެއެވެ.
ސިޔާސީ ޕާޓީއަކުން ސިޔާސީ މަސައްކަތްކުރާއިރު އެ ޕާޓީގެ އެތެރޭގެ ބަދަހިކަމަކީ ޕާޓީގެ ކާމިޔާބަށް މުހިއްމު ކަމެކެވެ. އަބަދުވެސް ބަައިބައިވުންތަކާއި ކޯޅުންތަކުގެ ތެރޭގައި އޮންނަ ޕާޓީއަށް އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހެއެވެ. ރައީސް ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަތުމަކީ ޕާޓީގެ ބަދަހިކަން އިތުރުވާނެކަމެއްތޯ ނުވަތަ މިހާރުވެސް ގިނަ ފެކްޝަންތަކަކަަށް ބެހިފައި އޮތް ޕާޓީ އިތުރަށް ބައިބައިވާނެ ކަމެއްތޯ ވިސްނައިލަންޖެހެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ވަރަަށް ގާތަށް ގެނެސްްދޭ ޓިކެޓަކަށްވާތީ، އެ ޕާޓީގެ އިސްސަފުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ގެންދަވަނީ އެ ޓިކެޓު ހޯއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ. ޗެއާޕާސަން ފައްޔާޒާއި، ރައީސް ޝާހިދާއި، ބައެއް މަޖިލިސް މެންބަރުންނެވެ. ގިނަ ބޭފުޅުން ޓިކެޓުގެ އުންމީދުގައި މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަނުކުރައްވާނެ ކަމުގެ އުންމީދުގައެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެފަދަ އިޝާރާތެއް އެމަނިކުފާނު އޮތީ ދެން ތިއްބެވި ލީޑަރުންނަށް ދެއްވާފައިމެއެވެ.
ނަމަވެސް މިހާރު ރައީސް ސޯލިހުވެސް ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވައެވެ. އެމަނިކުފާނު އެކަން އިއުލާނުކުރެއްވުމުގެ މާ ކުރިންވެސް ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނަށް އެކަން އޮތީ މޭރުންވެފައެވެ. މިފަދަަ ހާލަތެއްގައި ރައީސް ނަޝީދު އަނބުރާ އެމްޑީޕީއަށް ވަޑައިގަތުމުން ވާދަވެރިކަމަށް އިތުރުވީ އައު ބޮޅެކެވެ.
އެމްޑީޕީގެ ގިނަ ބަޔަކަށް 2023 ވަނަ އަހަަރުގެ ރިޔާސީ އިންތިހާބަކީ ހިތްދަތި ތަޖުރިބާއެކެވެ. 2018 ވަނަ އަހަރު އަދި ޖެހިގެންްއައި 2019 ވަނަ އަހަރު އެމްޑީޕީއަށް ބޮޑު ދެ އިންތިހާބުގައި ލިބުނު ކާމިޔާބާއެކު ދެ ދައުރު ވެރިކަން ކުރަން ލިބުނު ރަނުގެ ފުރުސަތު އަތުން ބީވެގެންދިއުމުގެ ހިތްދަތި އިހުސާސްތައް އެމްޑީޕީގެ އާއްމު މެންބަރުންގެ ހިތުގައި ހިނގަ ހިނގައި ހުންނާނެއެވެ.
މިދެންނެވި ހިތްދަތިކަމާއި ނިކަމެތިކަން އެމްޑީޕީއަށް ކުރިމަތިވުމުގެ މައިގަނޑު ސަބަބެއްކަމަށް އެ ޕާޓީގެ ލީޑަރުންނާއި އާއްމު މެންބަރުންވެސް ގަބޫލުކުރައްވަނީ އެ ޕާޓީގެ ރައީސްކަމުގައި ހުންނެވުމަށްފަހު ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމު ޕާޓީ ދޫކުރައްވައި ވަޑައިގަތުމެވެ. އަދި އެ ބޭފުޅުންނަށް ތާއީދުކުރައްވާ ރައްޔިތުންގެ ވޯޓު ރައީސް ސޯލިހަށް ލިބިވަޑައިނުގަތުމެވެ.
އެހެންކަމުން ނަޝީދު އަނބުރާ އެމްޑީޕީއަށް ވަޑައިގަތަސް، 2019 އިން 2023 އަށް ވެރިކަމުގައި އެމްޑީޕީ އޮތްއިރު އެތައް ގޮތަކުން އެތައް މަންފާއެއް ލިބެމުންއައި ބަޔަކަށް ލިބުނު މަންފާތައް ބީވުމުގެ ޖަޒުބާތު އަދި ތާޒާކޮށް ހިތްތަކުގައި ހިނގަހިނގައި ހުންނާނެއެވެ. ގެއްލުނު ވަޒީފާއާއި، ހުއްޓުނު ވިޔަފާރިތަކާއި، މަޑުޖެހުނު މަންފާތަކުގެ ސަބަބުން އުފެދޭ ރިހުމުގެ ހުރިހާވެސް ސަބަބަކީ ނަޝީދެވެ. އެހެންވީމާ އަލުން ޕާޓީއާ ގުޅިވަޑައިތަސް އެ ނުރުހުން އެގޮތުގައި ނަޝީދަށް އަމާޒުވާނެއެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއަށް ވަޑައިގަތުމުން އެ ޕާޓީއަށް ކުރާނީ މަންފާތޯ ވާނީ ގެއްލުންތޯ ވިސްނާއިރު، އެންމެ ފާހަގަވި ކަމަކީ މި ދެ ކަމެވެ. އެމްޑީޕީން ނުނެއްޓިގެން އުޅުު ލައްގަނޑަކުން ސަލާމަތްވެވުމާ ގާތަށް ދެވިފަައި އޮއްވައި އަލުން އެ ލައްގަނޑު އިއާދަވިކަމެވެ. އަދި މިހާރުވެސް ބައިބައިވެފައި އޮތް އެމްޑީޕީ އިތުރަށް ބައިބައިވެ ކޯޅުންތައް އިތުރުވާނެ ކަމުގައި ބެލެވުމެވެ. މިކަންކަމަށް ބަލާއިރު ރައީސް ނަޝީދު ވަޑައިގަތުމަކުން އެމްޑީޕީއަށް މާ ބޮޑު އިތުރު މޮޅުތަކެއް ލިބޭ ތަން ނުފެނެއެވެ. އެމްޑީޕީގެ މަގުބޫލުކަން އިތުރުވާ މަންޒަރެއްވެސް ނުފެނެއެވެ.