ENGLISH
23 ޖޫން 2025
ނަޝީދު ގުޅުމުގެ ކުރީން ސޯލިހް ނިިކުންނަވާ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކޮށްފި
23 ޖޫން 2025
|
ސޯލިހާއި ނަޝީދު: ދެ ބޭފުޅުންގެ ވެސް އަމާޒަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް
ކުރީގެ ރައީސް ނަޝީދު, އެމްޑީޕީއާ ދެކޮޅަށް އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލާ އަލުން އެމްޑީޕީއާ ގުޅުމަށް ނިންމާ އެކަމުގެ ހަފްލާ ބާއްވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިިކުންނަވާ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކުރައްވައިިފި އެވެ.
ސޯލިހް އެ ޝައުޤުވެރިކަން ފާޅުކުރެއްވީ އެމަނިކުފާނުގެ ޅިޔަނެއް ކަމުގައިވާ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) މެދުވެރި ކުރައްވާ މިރެ އެވެ. ސޯލިހްގެ ވަފާތެރި ސަޕޯޓަރުންނަށް މިރޭ ބޭއްވި ކެއުމެއްގައި ވާހަކަ ދައްކަމުން ބިގޭ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެން ސޯލިޙް, އާ ދައުރަކަށް ވާދަކުރައްވާނެ ކަން ޢިއުލާނު ކޮށްފަ އެވެ.
އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ސޯލިޙް ވާދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ރޭހަށް ސޯލިޙް ޝައުޤުވެރިކަން މި ފާޅުކުރެއްވީ ކުރީގެ ރައީސް ނަޝީދު, އެމްޑީޕީއާ ދެކޮޅަށް އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލާ އަލުން އެމްޑީޕީއާ ގުޅުމަށް ނިންމާ އެކަމުގެ ހަފްލާ މާދަމާ ރޭ ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ.
ނަޝީދުވެސް އަލުން އެމްޑީޕީއަށް ވަޑައިގަންނަވަނީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ބޭނުންފުޅުގަ އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާ ކަން ހާމަކުރެއްވުމުގެ ކުރީން ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ހިމޭހެން އެމަނިކުފާނުގެ އަރިސް މެންބަރުންނަށް, ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ މެސެޖެއް ކުރައްވާފަ އެވެ.
ސޯލިހާއި ނަޝީދުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްއާ މަޖިލީސް މެންބަރު ޑރ. ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.
އިދިކޮޅު ޕާޓީއެއްގެ ހަޤީޤީ ދައުރު އަދާކުރުމުގެ ބަދަލުގައި އެ ޕާޓީގެ ހުރިހާ ވެރީން ރިޔާސީ ޓިކެޓަށް ވާދަކުރާތީ އެ ޕާޓީގެ އާންމު މެންބަރުންނާއި އިސް އެކްޓިވިސްޓުންގެ މެދުގައި ވަނީ މާޔޫސްކަމާއި ހިތްހަމަނުޖެހުން އުފެދިފަ އެވެ.