ENGLISH

02 ޖުލައި 2025

Advertisement

ސައްހަ ނޫން ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ޖޫން 2025

|

ޢަލީ ޝަހީމް

ސައްހަ ނޫން ސްލިޕް ފޮނުވި މައްސަލައިގައި ހައްޔަރުކުރި ޒައިދާން އާއި އޭނާގެ އަންހެނުން. ފޮޓޯ: ޕޮލިސް

މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ކުރިންވެސް ގިނަ ތުޙުމަތުތަކެއް ކުރެވިފައިވާ، ޒައިދާން މުޙައްމަދު ހާޝިމް އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލައާ ގުޅިގެން ޒައިދާންއާއެކު އޭނާގެ އަންހެނުން، ބަންގްލަދޭޝްގެ އަފްރިން އަކްތަރު (30އ) ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ދެމަފިރިން ހައްޔަރުކުރީ އެކި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ފޭކް ސްލިޕް ފޮނުވިކަމުގެ ތުހުމަތުގައެވެ. 

"މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 17 ވަނަ ދުވަހު" ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ބުނީ ޒައިދާނާ ގުޅޭގޮތުން މިފަހަރު ހުށަހެޅުނީ 2025 ގެ މެއި މަހު އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ހުށަހެޅުނީ މެއި 16 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ތަފްސީލުގައި ފުލުހުން ބުނީ ހުޅުމާލޭގެ އިތުރުން މާލޭގެ އިތުރު ދެ ފިހާރައަކަށް ވެސް ސައްހަ ނޫން ސްލިޕްތަކެއް ފޮނުވި މައްސަލައެއް ފާހަގަވި ކަމަށެވެ. 

ފުލުހުން އިތުރަށް ބުނީ، އެ މައްސަލައިގައި ބެލިބެލުމުން ޒައިދާން މުޙައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ޒައިދާންގެ ދެމަފިރިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން ހޯދި ފައިސާ؛ 

  • ހުޅުމާލެ ފިހާރަ: 36،467 
  • މާލެ ފިހާރަ: 31,150 
  • މާލެ އިތުރު ފިހާރައެއް: 5,817

މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން ޒައިދާން 15 ދުވަހަށް ބަންދުކުރުމަށް ނިންމައި، އޭނާގެ އަންހެނުން ފަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ. 

ފުލުހުން ބުނީ ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު