ENGLISH
02 ޖުލައި 2025
މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމަށް އޯއައިސީގައި ވަޒީރު ޑރ. ޚަލީލް ގޮވާލައްވައިފި
22 ޖޫން 2025
|
އޯއައިސީ ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވާހަކަދައްކަވަނީ. ފޮޓޯ: ޚާރިޖީ ވުޒާރާ
އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަދި ސުލްހަ އާއި އިންސާފް ގާއިމްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހަރުދަނާކޮށް އަދި މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.
ވަޒީރު ޑރ. ޚަލީލް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އޯއައިސީއިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގަ އެވެ.
ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ވަޒީރު ޑރ. ޚަލީލް ވަނީ، ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، އިސްރާއީލުން މެދުކެނޑުމެއްނެތި ޢައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ވަޒީރު ވަނީ، ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.
މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް، ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ޒަރޫރީ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މަޤްޞަދު ޙާޞިލްކުރުމަށް އޯއައިސީގެ ހުރިހާ ޤައުމުތަކެއް އެކުވެގެން އެއްބާރުލުން އިތުރުކުރުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.
ވަޒީރު ޑރ. ޚަލީލްގެ ވާހަކަފުޅުގައި، އިސްރާއީލުން މެދުކެނޑުމެއްނެތި އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް އެމަނިކުފާނުގެ ތަޤުރީރުގައި ވަނީ ގޮވާލައްވާފައެވެ.
ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ، އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އޯއައިސީ ބައްދަލުވުމަށް ތުރުކީގެ އިސްތަންބޫލަށް ކުރެއްވި ދަތުރުފުޅު ވަޒީރު މިއަދު ވަނީ ނިންމަވާލައްވައިފައެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލްގެ އަރިހުގައި، ދިވެހިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަޙްމަދު ސަރީރު، ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޑިރެކްޓަރ ފާތިމަތު ރަޒާނާ، ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އައިޝަތު ރައިހާނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ރާއްޖޭގެ ވަފްދުން ވަނީ އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެފައެވެ.