ENGLISH

02 ޖުލައި 2025

Advertisement

ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވޭ: ވަޒީރު

22 ޖޫން 2025

|

ޢަލީ ޝަހީމް

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ.

ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި ރާއްޖެއަށް ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާކަމަށް ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޑރ. އިސްމާޢީލް ޝަފީޢު މިފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމަށް، މިއަދު ހެނދުނު ދަންފަޅީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ހެނދުނުގެ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު،  ޙުސައިން މުޙައްމަދު ލަޠީފްއެވެ. 

ސޯޝަލް ސެންޓަރުގައި އޮތް ޖަލްސާގައި ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި އެންމެ ބުރަކޮށް މަސައްކަތްކުރަނީ މުދައްރިސުން ކަމަށާއި، ރާއްޖޭގެ ޙާލަތަށް ބަލާއިރު އެކި ދާއިރާތަކަށް ގިނަ އަދަދެއްގެ މުދައްރިސުން އަދިވެސް ބޭނުންވާ ކަމަށެވެ.

"ހަސަތޭކައެއްހާ ސެން ޓީޗަރުން ބޭނުންވޭ. ދުއިސައްތައެއްހާ ޕްރައިމަރީ މުދައްރިސުން އެބަ ބޭނުންވޭ. މިއީ އަދި ކީސްޓޭޖް ހަތަރަކާއި ކީސް ސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުންތައް ނުހިމަނައި. އެހެންވީމަ މިއިން އެބަ އިނގޭ އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ ދަރީންނަށް ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި، ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި، އަޅުގަނޑުމެން ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާކަން މިއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވަމުން އެބަދޭ،" ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މުދައްރިސުން ލިބުމުގެ ދަތިކަން އޮތްކަން ހާމަކުރައްވައި، ވަޒީރު ވަނީ އެންމެ ފަހުގެ ތަފާސްހިސާބުތައްވެސް އާއްމުކުރައްވައިފައެވެ. އެގޮތުން ވަޒީރު ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ؛

  • ދިވެހި މުދައްރިސުން: 74 އިންސައްތަ
  • ބިދޭސީ މުދައްރިސުން: 22 އިންސައްތަ
  • ވަގުތީ މުދައްރިސުން: 4 އިންސައްތަ

ވަގުތީ މުދައްރިސުންގެ ގޮތުގައި ހަރަކާތްތެރިވަނީ މުދައްރިސުން ލިބުން ދަތިވެފައިވާ ދާއިރާތަކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދިވެހި، އިސްލާމް، ގުރުޢާން އަދި ޕްރައިމަރީ ޓީޗިންގެ ވަގުތީ މުދައްރިސުން ހަރަކާތްތެރިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ދިވެހި މުދައްރިސުންގެ ނިސްބަތަކީ 16 އިންސައްތަ ކަމަށެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭ ދިވެހި ފިރިހެން މުދައްރިސުންގެ ނިސްބަތް ހުރީ ނުވަ އިންސައްތައިގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މުދައްރިސުން ލިބުމުގެ ދަތިކަން އޮތްކަން ފާހަގަކުރައްވައި ވަޒީރު އިލްތިމާސްކުރެއްވީ މަތީ ވަނަތައް ޙާސިލްކުރާ ދަރިވަރުން ކުރިއަށްދިއުމުގައި ދާއިރާއެއް ކަނޑައަޅާއިރު، ޓީޗިން ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނުމަށެވެ.

ވަޒީރު ވިދާޅުވީ ޤައުމުތައް ކުރިއެރީ އެޑިއުކޭޝަން ސިސްޓަމް ރަނގަޅުވެގެން ކަމަށާއި، އެއީ މޮޅެތި ނަތީޖާތައް ހޯދާ ދަރިވަރުން ޓީޗިން ދާއިރާއަށް ވަންނަންޖެހޭ ސަބަބު ކަމަށެވެ. 

ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް މިދިޔަ އަހަރު ފަށައި މި އަހަރު އެ ޕްރޮގްރާމަށް އިތުރު ކުރިއެރުންތައް ގެނެސްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، މި އަހަރުގެ ތެރޭގައި ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފައްޓަވާނެކަމަށް ވެސް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު