ENGLISH

19 ޖޫން 2025

Advertisement

އެފްއޭއެމް ކޮންގްރެސް މި މަހު 27 ގައި ބާއްވަނީ

19 ޖޫން 2025

|

މުޙައްމަދު އަދުހަމް

އެންމެފަހުން ބޭއްވީ އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން. ފައިލް ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025 ވަނަ އަހަރުގެ އޯޑިނަރީ ކޮންގްރެސް މި މަހުގެ 27 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންގްރެސްގެ މައިގަނޑު ކަންކަމުގެ ތެރޭގައި، އެފްއޭއެމްގެ 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، އެފްއޭއެމްގެ އިޞްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ވެސް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ފާސްކުރުމަށް ޓަކައި ކޮންގްރެސް އަށް ހުށަހެޅޭ އިޞްލާހު ކުރެވިފައިވާ ހިންގާ ގަވާއިދަކީ ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން، އަދި އެފްއޭއެމްގެ މެންބަރު ކްލަބުތަކުގެ މަޝްވަރާއާއެކު އެކުލަވާލެވިފައިވާ ހިންގާ ގަވާއިދެކެވެ.

އެފްއޭއެމްގެ ކުރިއަށް އޮތް އޯޑިނަރީ ކޮންގްރެސްގައި އެޖެންޑާ ކުރެވިފައިވާ މައިގަނޑު ކަންކަމަކީ؛

  • 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް (އެކްޓިވިޓީ ރިޕޯޓް) ހުށަހެޅުން.
  • 2023 އަދި 2024 ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހެޅުން.
  • 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުން.
  • 2025 އިން 2028 ވަނަ އަހަރުގެ ނިޔަލަށް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުން.
  • އިލެކްޓޯރަލް ކޯޑު ފާސްކުރުން.
  • އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާނެ ދުވަސް ކަނޑައެޅުން.

މި ކޮންގްރެސް އާއެކު، އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ފެށޭނެ އެވެ. އަދި، އައު ހިންގާ ކޮމިޓީ ހޮވުމަށްޓަކައި އިންތިހާބު ބާއްވައި، ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކޮމިޓީން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު