ENGLISH
01 ސެޕްޓެމްބަރު 2025
ޤައުމީ ޓޭބަލް ޓެނިސް މުބާރާތް: ރަފާ އާއި ޝައްފާން ޗެމްޕިއަންކަން ހޯދައިފި
31 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު (ކ) މުބާރާތުގެ އަންހެން ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަން، ރަފާ އަށް އިނާމު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ފަސްދޮޅަސް ތިންވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މުޙައްމަދު ޝައްފާން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން މި ދެ ކުޅުންތެރިން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.
ހެންވޭރު މުނިއުފާ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވިއިރު، ރަފާ ޗެމްޕިއަންކަން ހޯދީ މިދިޔަ ފަސް އަހަރުގެ ޤައުމީ ތަށި ހޯދި ފާތިމަތު ދީމާ އަލީ ބަލިކޮށްގެންނެވެ.
ފައިނަލް މެޗުން ރަފާ ކުރިހޯދީ، ސީދާ ހަތަރު ގޭމުންނެވެ. އެންމެ ފަހުން ކުޅެވުނު ޤައުމީ ފަސް ފައިނަލުގައި ވެސް ދީމާ އަތުން ބަލިވި ރަފާ މި މެޗުގެ ސެޓުތައް ގެންދިޔައީ، 11-09، 11-09، އާއި 11-06، އަދި 13-11 އިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު (ކ) މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަން، ޝައްފާން އަށް އިނާމު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
މީގެކުރީން، ރަފާ ޗެމްޕިއަންކަން ހޯދީ 2017 އާއި 2018 ގައެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޝައްފާން ވަނީ، ޤައުމީ ޗެމްޕިއަންކަން 11 ފަަހަރު ހޯދާފައިވާ މޫސާ މުންސިފް އަހުމަދުގެ މައްޗަށް 4-1 ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 13-11 އިން މުންސިފް ގެންގޮސްފައިވަނިކޮށް، ޝައްފާން ވަނީ ދެން ޖެހިގެންއައި ސެޓުތައް 11-07، 13-11، އާއި 11-08، އަދި 18-16 އިން ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގެ ފައިނަލަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ތަށްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.