ENGLISH
21 އޮކްޓޯބަރު 2025
"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ކައުންޓްޑައުން ފަށައިފި
21 އޮކްޓޯބަރު 2025
|
2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ މީހުންނަށް، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ޚާއްޞަކޮށްގެން ކައުންޓްޑައުން ޝޯވއެއް ފަށައިފިއެވެ.
"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ"ގެ ނަމުގައި މިރޭ ފެށި މި ކައުންޓްޑައުންއަކީ ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޙަރަކާތް އަންނަ ނޮވެންބަރު މަސް ފެށެންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ދަށުން ޖެނަރޭޝަނަލް ބޭންއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، ޖެނަރޭޝަނަލް ބޭންއަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ވެސް ޚާއްސަ އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން ދިވެހިރާއްޖޭގައި 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.
މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް އުފައްދަން ޚާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރުވެސް ފުލުހުންނާއި، ކަސްޓަމްސްއަށް ލިބެއެވެ.