ENGLISH

17 ޖޫން 2026

Advertisement

ޖިރޫގެ ރިކޯޑު އެމްބާޕޭ މުގުރާލިއިރު، ސެނެގޯލް އަތުން ފްރާންސަށް މޮޅެއް

17 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕުގައި ސެނެގޯލް ކޮޅަށް ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގެ ފުރަތަމަ މެޗުގައި ސެނަގޯލް އަތުން ފްރާންސް މޮޅުވެއްޖެއެވެ. އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ފްރާންސުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރަމުން އައީ ފްރާންސުންނެވެ. އެކަމަކު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ސެނެގޯލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި، ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. 

އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވި ދިޔަތަން ފެނިގެންދިޔައެވެ. އެގޮތުން ކެޕްޓަން ކީލިއަން އެމްބާޕޭއަށް ދެ ފަހަރެއްގެ މަތިން ގޯލް ޖަހާނެ ރީތި ފުރުސަތުތައް ލިބި، ބޭނުންނުކުރެވި ދިޔައެވެ. އަދި އުސްމާން ޑެމްބެލޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ސެނެގޯލްގެ ޑިފެންޑަރުންނެވެ.

މި މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ މޮޅު ރީތި ކުޅުމަކުން ފްރާންސްގެ ކުޅުން ރަނަގަޅުވެގެން ދިޔަ ތަނެވެ. މި ހާފުގައި ގޯލް ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރަމުން އައީވެސް ފްރާންސުންނެވެ. ނަތީޖާއެއްގެ ގޮތުން ސެނެގޯލަށް ގިނަ ވަގުތު ޖެހުނީ ޑިފެންސަށް ކުޅެންށެވެ.

އޭގެ ފަހުން ސެނެގޯލްގެ އޭރިއާ ތެރެއިން އެމްބާޕޭއަށް ސަޑިއޯ މާނޭ ފައުލުކުރި ކަމަށް ބުނެ، ފްރާންސުން އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބެލުމަށްފަހުވެސް، މެޗުގެ ރެފުރީ އޮސްޓްރޭލިއާގެ އަލީ ރެޒާ ފަގާނީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެެވެ.

ވޯލްޑް ކަޕުގައި ފްރާންސާއި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މި މެޗުގައި ފްރާންސުން ލީޑު ނެގީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ރީތި ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. ފްރާންސުން ލީޑު ނެގިތާ ދެ މިނެޓު ފަހުން ސެނެގޯލްގެ އިސްމާއީލާ ސާ ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު ސާގެ އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ފްރާންސުން މި މެޗުގައި ލީޑު ފުޅާކުރީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ބަދަލަކަށް ކުޅެން އެރިތާ ދެ މިނެޓުގެ ތެރޭގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޑްލީ ބާކޮލާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އެޑްރިއަން ރަބިއޯ ދިން ބޯޅައަކުންނެވެ.

މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް އެމްބާއޭ ވަނީ ލަނޑެއް ޖަހައި، ސެނެގޯލަށް އުއްމީދެއް ހޯދައިދީފައެވެ. އެކަމަކު އެމްބާޕޭ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް، ފްރާންސްގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިގެން، ރިކޯޑު ހަދާފައި އޮތް ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ ގާތަށް ޖެހިލާފައެވެ. ކްލޯސާ ވަނީ ވޯލްޑް ކަޕުތަކުގައި 16 ލަނޑު ޖަހާފައެވެ. މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު، ތިން ވޯލްޑް ކަޕުގައި ކުޅެގެން މިހާތަނަށް 15 ލަނޑު ވަނީ ޖަހާފައެވެ. އެމްބާޕޭގެ އިތުރުން ބްރެޒިލްގެ ރޮނާލްޑޯ އާއި ވެސްޓް ޖަރުމަނުގެ ގާޑް މުލާ ވަނީ ވޯލްޑް ކަޕުތަކުގައި 15 ލަނޑު ޖަހާފައެވެ. 

މީގެ އިތުރުން އެމްބާޕޭ ވަނީ މި މެޗުގައި ފްރާންސްގެ ކުރީގެ ފޯވާޑް އޮލިވިއޭ ޖިރޫ ހަދާފައިވާ ރިކޯޑުވެސް މުގުރާލާފައެވެ. އެގޮތުން ފްރާންސަށް ކުޅެދިން 137 މެޗުގައި 57 ލަނޑު ކާމިޔާބުކޮށްގެން، ފްރާންސަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު މީގެ ކުރިން ޖިރޫ ހަދާފައިވާއިރު، އެމްބާޕޭ މިހާރު ވަނީ 84 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް އެ ރިކޯޑު މުގުރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު